23 Sep 2022, 11:38
އިބްން މަސްއޫދު ރަޟިޔައްﷲ އަންހާ ވިދާޅުވިއެވެ." އެންމެ ފަގީރު ގެއަކީ، ﷲގެ ފޮތުގެ މައްޗަށް އެންމެ އިހުމާލުވެފައިވާ ގެއެވެ."
***
"ކީކޭތަ ތިކިޔަނީ؟" ރޯޒަލީ އޮޅުން ފިލުވަން ބޭނުންވިއެވެ. ހަޒަލް ކިޔާދިނުމުން ރޯޒަލީ ބުމަކައިރިކޮށްލީ ނުރުހުމާއެކުގައެވެ."އެހެންވެ މަންމަ ބުނަނީ ތި އިޔަހޫދީ އިނގިރޭސިންނާއި ކައިރިނުވާށޭ......"
"ތިއޮތް ކުފުރުވަނީނު...މިބުނީ ޝިކުރުކުރުން މަތީގައި ހުރެ އެހެން މީހުންވެސް އެދީނަށް ވައްދަންވެގެން ދައްކާފާޑުފާޑުގެ ވާހަކަ. ތިއަށް ކިޔަނީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާރަކުރުމޭ....." ރޯޒަލީ އުނދޯލިން ތެދުވުނުގޮތަށް ގޮސް ޚަލީސީގެ އަތުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ.
"ޔޫ ލީވް ސަޑަންލީ....."
ޚަލީސީ މައުސޫމް ނަޒަރަކުން ބަލަން ހުރިގޮތުން ހަޒަލްގެ ހިތަށްވެސް ހަމްދަރުދީވަނެވެ. މަންމަމެންނަށް އެކަހަލަ ކަންތައްތައް ނަގައިގަންނަން ފަސޭހައެއް ނުވާނެއެވެ. އެއީ ކުފުރުވުމެއްވެސް ނޫނެވެ. ފުރައްސާރައެއްވެސް ނޫނެވެ. އެކަމުގައި ހަގީގަތެއްވިޔަސް ނުވިޔަސް ޚަލީސީވެސް އަމިއްލައަށް ހަދައިގެން ދެއްކި ވާހަކައެއްވެސް ނޫނެވެ. އެހެންނޫނަސް އަހަރެމެން އެންމެނަކީ އާދަމްގެ ދަރިންނޭ ބުނަން އަނގަ ހުޅުވާލާފައިވެސް ހަޒަލް ހިމޭންވިއެވެ. ކުއްލިއަކަށް އައިނައި ދިމާލެއް ނޭގި ސޫފީ އައިގޮތަށް ހުއްޓުން އަރާފައި ހުރި ޚަލީސީގެ އަތުގައި އޮތް ފޯން ޖަހައިގެން ދުމެއް ޖަހާފައި ދިޔައީ ކުޑަ ޖަންގިޔާކޮޅެއްގައި ހުރެއެވެ. ލޯބިކަމުން ކާލަން ބޭނުންވާހާ ލޯބި ކުއްޖަކަށްވިޔަސް އެންމެނަށް އުދަގޫކުރަނީ މީހަކު ދަސްކޮށްދީގެން ކުރާކަމެއް ހެންނެވެ. ހަޒަލް ސޫފީގެ ފަހަތުން ދުވެ އަތުލަފާނެހެން ހީވުމުން އަތުކޮޅަށް ހޫރައިލުން ޖެހުނީ ޗަކަ ފެންގަނޑުތެރޭގައެވެ. ދޮރުމައްޗަށް އެރި ޚަލީސީގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. ހިތްހެޔޮކަން އަބަދު ފާޅުވާ އެދޮން މޫނުގައި ރުޅިވެރިކަމުގެ ބަދަލުގައި ފެނުނީ ހިތާމައާއި މާޔޫސީއެވެ. ހަޒަލް ގޭ ބޭރުގައި ހުރި އިސްކުރުން ފޯނު ދޮވެލައިގެން އައިސް ޚަލީސީގެ އަތަށް ލެއްވުމުންވެސް މަޑުން ހުރީއެވެ.
"އައިމް ސޮރީ.."
"އިޓްސް އޯކޭ..."ޚަލީސީ ކުޑަ ހިނިތުންވުމަކަށްފަހު ދާން ހިނގައިގަތުމުން ހައިސަމްއަށް ބަލަހައްޓައިގެން އިނދެވުނެވެ.
***
ޚަލީސީއާއި އެމާ އެދެކުދިން ނިދާ އެނދަށް އަރާފައި ތިބިއިރު މިރޭ ޑްރާމާއަށް ބެލުމުގެ ޝަައުގެއްނެތެވެ. ވިއްސާރަވުމުގެ އަލާމާތަކަށް ފުރާޅުގައި ވައިއަޅުވާއަޑާއި ކުޑަދޮރުތައް ތެޅިލާތީ ހިތަށް ބިރުވެރިކަން ވަންނަގޮތްވިއެވެ. މިފަދަ ވިއްސާރަ ރޭތަކުގައި ނާމާންކަމާއި އިތުރުއަޑުތައް އިވޭތީއެވެ. ޚަލީސީ އެމާ ގާތުގައިވެސް ދެންމެ އެ ހިނގި ހާދިސާ ކިޔައެއްނުދެއެވެ. އޭނަ ކުރުގެޅިލައިގެން ކަކޫ މޭގައި ޖައްސާލައިގެން އޮތްއިރު ރަސޫލު ސައްލަﷲއަލައިހި ވަސައްލަމްދެކެ އެވަރަށް ލޯބިވަނީ ކީއްވެހެއްޔޭ ހިތާ ހިތުން ސުވާލުކުރެވުނެވެ. ރޯޒަލީ އެހާ ރުޅި އަންނަ ވަރުގެ އެއްޗަކަށް ބުނެވުނީ ކީކޭހެއްޔެވެ؟ ހައިސަމްގެ ހިތުގައިވެސް އޭނައަށްޓަކާ ލޯބީގެ ކަންފުޅެއްވެސް އޮތްނަމަ ކޮންމެވެސް ވަރަކަށް އޭނައާއި އަޅާލީސް ނޫންހެއްޔެވެ؟ އެންމެންގެ ތެރޭގައި ހުއްޓަސް އެކަނިވެރިކަން އިހުސާސްކުރެވި ރޮވޭގޮތްވިއެވެ.
"ޚަލީސީ ސިއްރެއް ބުނަންތަ؟އަހަންނަށް ވަރަށް ކަމުދާ ފިރިހެންކުއްޖެއް ފެނިއްޖެ..ޕާކުން............."
"ކޮން ނަމެއް ކިޔަނީ؟" ޚަލީސީގެ ޝައުގެއް އެއްވެސް ކަމަކަށް މިރޭ ނެތެވެ.
"ރާމިސް..... ސޫފީ ގަހަށް އަރާ އުޅެނިކޮށް ވަރަށް ފަރިތަކަމާއެކު އަރާފައި ގަހުން ބޭލީ. ދުވަހަކު ނުދެކެން އެހާ ސްމާޓް ކުއްޖެއް. ފިލްމުތަކުން ފެންނަ ކުއްޖަކާއި ވައްތަރީ. ކޮންމެ އަންހެންކުއްޖަކުވެސް އެކުއްޖެއްގެ ޕްރިންސް ޗާމިންގެ ސިފަތަކާއިމެދު ވިސްނާނެ. އެނގޭތަ؟ އޭނަގެ ހުރިހާ ރީތިކަމެއް ހުރި. އަހަރެން އެދޭހާ ސިފަތައް ހުރި...."އެމާ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އޮތްއިރު ލޮލުގައި ހުވަފެނީ ގޮތެއްވިއެވެ.
މިދުވަސްކޮޅު އެމާގެ މިޒާޖަށް އައި ބަދަލުގެ ހަގީގަތް ޚަލީސީއަށް އޮޅުން ފިލިއެވެ.
"ގުޑް ލަކް ޑިއަރ.."
"އަހަންނަށް ނުހިނގޭކަން އެނގޭއިރުވެސް އެހާ ސަޕޯޓިވް. ނުހިނގޭ ކުއްޖަކަށްވިޔަސް ލައިކްވެއޭ ބުނީ. ކިހާ ސްވީޓް. ޚަލީސީ ކަމެއް ކޮށްދީފާނަންތަ؟ ނޫނެކޭ ނުބުނައްޗޭ ޕްލީޒް ޕްލީޒް.."
"ކޮންމެ ކަމެއްވެސް ކޮށްދޭނަން......."
"މިރޭ ރާމިސް ބުނި ކުޑަދޮރު ކައިރިއަށް އަންނާނަމޭ. ޚަލީސީ ހުރިއްޔާ އަންނާކަށް ނުކެރޭނެ. އަހަންނަށް މިނިޓްކޮޅެއް ދީފާނަންތަ؟ އޭނަ ދިޔައީމަ ގުޅާނަން.."
***
ޚަލީސީ އޭނަގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު ފޯނު ހިފައިގެން އެނދުގައި ޖައްސައިލިއެވެ. އެވަގުތު ފާހަގަކުރެވުނީ ފާޚާނާގެ ދޮރު ކޮންމެވެސް ވަރަކަށް ހުޅުވިފައި ހުރިކަމެވެ. ޚަލީސީ ތެދުވެގެންގޮސް ބޮކި ދިއްލާލާފައި އެތެރެއަށް ބަލައިލިއިރު އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ދޮރު ހުޅުވުނީ ވައިރޯޅިއަކާއެކުގައި ކަމަށް ވެދާނެއެވެ. ރަގަޅަށް ދޮރު ލައްޕާލާފައި ހިނގައިގަތްތަނާ މަޑު މަޑު އަޑެއް އިވިގެން ބަލައިލިިއިރު ދޮރު ހުޅުވެނީއެވެ. އޭނަގެ ގައިގާ ވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުމާއެކު މެޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ބޮކި ދިއްލީ އޭނަ އަމިއްލައަށެވެ. އެކަމަކު އެހެރީ އަނެއްކާވެސް ނިވާލާފައެވެ.
"ކާކު؟" ޚަލީސީއަށް އަހައިލެވުނެވެ.
ޖަވާބަކަށް ވީ ފުން ހިމޭންކަމެކެވެ.
"މަގޭ ސިކުނޑީގައި މައްސަލައެއް އުޅެނީ ކަމަށްވާނީ. ނަފްސާނީ އިލްމު އުނގެނެމުންގޮސް މޮޔަވީ ކަމަށްވާނީ. އެކަމަކު އަހަރެން މިހިރީ ނިދާފައެއްނޫން. ހަމަ ހޭގައި ހުރެގެން މިފަދަ ކަމެއްވާންވީ ސަބަބެއް ނުވިސްނޭ. އެތެރޭގައި ލޮލަށް ނުފެންނަ މީހެއް ހުރިފަދަ...."ޚަލީސީ ޖެހިލުންވެފައި ހުރެ ބޮކި ދިއްލާލާފައި ދޮރު ލައްޕައިލަން އުޅުމުން އަނެއްފަޅިން މީހަކު ލެއްޕިޔަނުދޭން ހިފަހައްޓައިގެން ހުރިފަދަ އިހުސާސެއްކުރެވުނެވެ. ދެވަނަ މިނިޓްގައި ބަންލާފައި ދޮރު ޖެހުނު ވަގުތު ބޮކި ނިވުނުކަން އެނގުނެވެ.
ޚަލީސީ އަނގަމަތީގައި އަތް އަޅައިލިއެވެ.
"ފާޚާނާ ތެރޭ ވަގަކު ވަދެ ފިލާ ހުރީކަމަށް ވެދާނެ......."ޚަލީސީ ސިކުނޑިއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އޭގެ ޖަވާބަކަށް އިވުނީ ޝައިތާނީ ހުނުމެއްގެ އަޑެކެވެ. ޚަލީސީ ބޭނުންވީ އަވަހަށް އެހެން މީހުންގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ. އެއް ފިޔަވަޅު ކުރިއަށް އެޅިތަނާ ދޮރު ފަޅައިގެންދާހާ ބާރު އަޑެއް އިވުމާއެކު ޚަލީސީގެ ފުރާނަވެސް ރޫރޫ އަޅައިގަތެވެ. އޭނަގެ ދުލަށް އައީ އެންމެ ލަފުޒެކެވެ."ﷲ.....ﷲ...ﷲ..." ބޭއިޚުތިޔާރުގައި އެހީއަށް އެދި ގޮވުނީ ހެއްދެވި ފަރާތަށް ކަން އޭނައަށް އެވަގުތު ރޭކާނުލިއެވެ.
"ޚަލީސީ.....ކިހިނެއްވެފައި...." ހައިސަމް ގެ އަޑު އިވުމާއެކު ޚަލީސީ ދެލޯ ހުޅުވާލަމުން މޫނުން އަތްނެގިއެވެ.
"އާ ޔޫ އޯކޭ؟" ހައިސަމްގެ ކަޅު ނޫ ލޮލުން ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ. ފަނޑު އަލީގައި އެލޯ ފެންނަނީ ވަކިން ހިތްގައިމުކޮށެވެ.
"ހޫމް....ހެހެ..ދެންމެ އަޑެއް އިވުނުތަ؟ އެހެންވެ ތިއައީ ދޯ......" ޚަލީސީގެ ހިތް އޭރުވެސް ރޭހެއް ޖަހާފައިވާފަދައެވެ. މޫނު ދަލުން ފެންވެރިފައެވެ. ޚަލީސީ ބިރުންހުރިވަރު ހައިސަމްއަށް އެނގި އެތައް ސުވާލެއް ހިތުގައި އުފެދުނެވެ.
"ކޮން އަޑެއް؟"
"ވަގެއްކަމަށް ވާނީ. ފާޚާނާއާއި ދިމާލުން...."ޚަލީސީ އެހާ ފަސޭހައިން އޭނައަށް ފެނުނު ކަންތައްތަކާއި އިވުނު އަޑުތައް ހިއްސާކުރަން ބޭނުމެއްނުވިއެވެ."އެނގޭތަ؟ ބިރުގަތީމަ އަހަންނަށް ގޮވުނީ ﷲއަށް..ސޭމް އަށް މިކޮޓަރިއަށް އަންނަން ހިތަށް އެރީ ކީއްވެތަ؟"
"އެމާގެ ކޮޓަރި ތަޅުލާފައި ހުރީމަ. ޚަލީސީ ކޮޓަރިން ބޭރަށް ލީތަ؟ އެމާއަށް މި ދުވަސްކޮޅު އެކަނި އުޅެވޭނީ ކިހިނެއް؟"
"އެމާއާއިމެދު އެކަނި ވިސްނާކަން އެނގުނީމަ ހިތަށް ތަދުވެއްޖެ. އަހަރެންގެ އިހުސާސްތަކާއިމެދު އެގޮތަށް ވިސްނާނެނަމަ.."ޚަލީސީ ފިނިވެފައިވާ ދެއަތްތިލަ އުނގުޅަންފެށިއެވެ."އެމާގެ މައްސަލައެއް ނެތޭ ހޮސްޕިޓަލުން ބުނީ. ސައިކޮލޮޖިކަލް މައްސަލައެއްކަމަށް ވަންޏާ ބައެއް ގަޑީގައި ހިނގާ އުޅެވޭނެ. މިގޭ އެންމެނަށް މިފަދަ ގޮތެއް ދިމާވަނީ ގޭގައި ކޮންމެވެސް ކަހަލަ ވިހަ ގޭހެއްގެ ސަބަބުން ނޫނީ ފަންގަސް ހުރެގެން ވާކަމެއް ތޯ ބަލަން ޖެހިއްޖެ. މުސްކުޅި ގެއެއްވީމަ ވެންޓިލޭޝަން އެހާ ރަގަޅުނުވެ މައްސަލަ ޖެހޭނެ. މަދިރިއާއިހެދި ދޮރުތައް ހުޅުވާފައި ބެހެއްޓެނީއެއްވެސް ނޫން..."
"މިރޭ ފެނުނީ ކޮން ކަމެއްތަ؟" ހައިސަމް އަނެއްކާވެސް އޮޅުން ފިލުވަން ބޭނުންވިއެވެ."ޕެނިކްވާނީ ކޮންމެވެސް ބޮޑުކަމެއް ވީމައެއްނު. ޚަލީސީއަކީ ހިތްވަރުގަދަ ކުއްޖެއްކަން އެނގޭތީ މިހެން މިބުނީ. ބިރުވެރި ފިލްމެއް ބަލާފައިވެސް ބިރުން އުޅޭކުއްޖެއްނޫން. އެހާ ހިތްވަރުގަދަ. ޖެހިލުންކުޑަ...."
"ހެލުސިނޭޓްވީ..."
ހައިސަމް ގޮތުގައި ހިފެހެއްޓުމުން ޚަލީސީއަށް މަޖުބޫރުވީ ފާޚާނާތެރެއިން ދިމާވި ހާދިސާ ކިޔާދިނުމަށެވެ. ހައިސަމް ފާޚާނާތެރެ ހޯދާބެލިއެވެ. ވަގަކަށް ވަދެވޭނެ ގޮތެއް ހުރީއެއްނޫނެވެ. ކަރަންޓް މައްސަލައެއްވެސް ނެތެވެ. ބާރަށް ވައިޖެހުނަސް ޚަލީސީ ބަޔާންކޮށްދިންފަދަ ކަމެއް ވެގެން ނުވާނެއެވެ. ސައިންސްއާއި އަރައިރުންވާ ހަގީގަތެކެވެ.ހައިސަމް ބިރުގަތީ ރޫހާނީ އެއްޗެއް ޚަލީސީއާއި އަވަލާ އުދަގޫކުރަން ފެށީތީއެވެ. އެކަންތަކުން ސަލާމަތްވާނީ ޒިކުރުކޮށް ގިނައިން ނަމާދުކޮށް އަޅުކަމާއިގެން އުޅުމުންނެވެ. ޚަލީސީ އީސާއީ ކުއްޖަކަށްވުމުން އޭނައާއި އަވަލުން ފަސޭހަވެސް ވާނެކަމަށް ގަބޫލުކުރެވުނެވެ. ހައިސަމް ބޮޑަށް ދައްކަމުން ދިޔައީީ ދީނީ ވާހަކަތަކެވެ. ޚަލީސީއަށް އޮޅިގެންވެސް ގޮވައިލެވުނީ ހެއްދެވި ފަރާތަށް ކަމަށާއި ނޭގުނަސް އަލިކަމުގެ ތެރެއަށް ވަދެވެނީކަމަށް ހައިސަމް ގަބޫލުކުރިއެވެ. ހައިސަމްގެ ވާހަކަތައް ހުރީ މުޅިންވެސް ދީނާއި އޭނަގެ މަންމަގެ ގުރުބާނީތަކެވެ. މަންމަ އެހެންކުދިންނަށްޓަކާ ކޮށްދޭ މަސައްކަތްތަކާއި މުޅިގޭގެ ހުރިހާ ޒިންމާއެއް ކޮނޑުގައި އަޅާ މަސައްކަތްކުރާއިރު އެހެން ފަރާތަކުން އެހީނުވާތީ އެވާހަކަވެސް ދެއްކިއެވެ. ގޭގައި ގެންގުޅޭނެ ކުއްޖަކު ނުބެހެއްޓެނީވެސް މަންމަ އެއްބަސްނުވެގެންނެވެ.
***
ހައިސަމް އަމިއްލައަށްގޮސް ލައިލާގެ ޚަބަރު އޮޅުން ފިލުވިއިރު އެކުއްޖާ ރަށުގައި ނެތްތާ ދުވަސްކޮޅެއްވިކަން އެނގުމުން ނުބައި އަސަރުތަކެއްކުރިއެވެ. އެކެއްގެ ލޮލަށް ފެނުނު ނަމަ ލޮލަށް ފެނުނު މަންޒަރެއްކަމަށް ބުނެވިދާނެއެވެ. ނަމަވެސް ލައިލާ ޖޫސްތަށި ގެންގޮސް ރާހިލްއަށް ދިނީ އޭނަވެސް ބަލަހައްޓައިގެން އިންދައެވެ. ރާހިލްއާއި އެމާއަށް ދިމާވެގެން އުޅޭ މައްސަލަތައް ބޭސްފަރުވާއިން ރަގަޅުނުކުރެވޭނެކަން އެދުވަހު ހައިސަމްއަށް ޔަގީންވިއެވެ.
"ލައިލާ ބަލާ ބޮޑުކުރީ ހަމަ އަމިއްލަ ދަރިއެއްފަދައިން. ގެންގުޅޭ ކުއްޖެއްގެ ގޮތުގައެއްނޫން. މީހެއްގެ ނަސީބަކީ އެނގޭނެ އެއްޗެއްނޫން. ﷲދެއްވާނެ އަޅަކަށް ނިމުމެއްނެތް ވަރަކަށް ދެއްވާނެ. ލައިލާގެ ނަސީބު އަތުގައި ހިފީ އެންމެ ބޭނުންވި ވަގުތު. އޭނަގެ މަންމަ ލައިލާ ކިޔަވަން މެލޭޝިއާއަށް ގެންދިޔައީ...."
ހައިސަމް އެގެއިން ނިކުތްއިރު އުޑުމަތި ބަނަކޮށްލިތަން ފެނުނެވެ. ވިއްސާރަ ރޭތަކާއި ކުރިމަތިލާން އޭނަވެސް ބޭނުމެއްނޫނެވެ."ލައިލާ" ގެ ސިފައިގާ އެފެނުނު ޖިންނި އެމީހުންގެ ދިރިއުޅުމުން އެހާ ފަސޭހައިން ފިލައިގެން ނުދާނެކަމާއި ވާރެއާއި ކޮންމެވެސް ކަހަލަ ގުޅުމެއް ހުންނަކަމަށް އޭނަ ގަބޫލުކޮށްފިއެވެ.
***
ރާމިސް އެމާއަށް ދިން ކެވެލިފަށާއި ގަޔާވެވުނީ އިންތިހާއަށެވެ. އެކިކުލައިގެ ކުދި ބޮލިތަކުން ގަތާފައިވާ އެފަށް ލޯބިކަމުން އެތައް އިރެއްވާންދެން ބަލަހައްޓައިގެން އިނދެވުނެވެ. އޭނަގެ ދޮން އަތާއި ހާދަ ގުޅެއެވެ. ރާމިސްދިން އެއްޗަކަށްވުމުން އޭގެ ޚާއްސަކަން ވަކިން ބޮޑުވިއެވެ. އިރުއިރުކޮޅާ އެފަށުގައި ފިރުމައިލެވެއެވެ. އެންމެފަހުން ފޮޓޯއެއް ނަގާފައި އޭނަގެ ސޯޝަލްމީޑިއާ އެކައުންޓްތަކަށް ލުމުން އެކުވެރިންވެސް މޮޔަވާވަރުވިއެވެ.
ކޮޓަރިއަށް ވަދެފައި ސޫފީ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.
"ސޫފީ ޝެލްސް......"
"ނޫން...."އެމާގެ ހިތް ތެޅިގަތެވެ."މިއީ ކުޅޭ އެއްޗެއްނޫން. ދޮންތިއަށް ލިބުނު ގިފްޓެއް..ސޫފީގެ ބޮލިތައް ހުންނާނެ. އެ ރޫމަށް ހިނގާ.."
ހަޒަލް ސޫފީ ބޮލިތައް އަޅާފައި ހުރި ފުޅިތައް ދެއްކުމުންވެސް ސޫފީ އެމާގެ އަތުގައިވި ކެވެލިކޮޅު ބޭނުންވެގެން ބޮޑާހާކަންފެށިއެވެ. އެންމެފަހުން ތުންފިތައިލިގޮތަށް ކުއްލިއަކަށް ފުންމައިގެން އައިގޮތަށް އެމާގެ އަތުގައި އޮތް ފަށުގައި ހިފާ ދަމައިގަތުމާއެކު ފަށް ހަލާކުވެ ބޮލިތައް އެކި ދިމާލަށް ވިއްސައިގެން ދިޔަތަން ފެނުނެވެ. އެމާގެ ހިތްވެސް އެފަށްތަކާއެކު އެކި ދިމާލަށް ބުރައިގެން ދިޔައެވެ. ގަނޑުވި ސިކުންތުކޮޅަކަށްފަހު އެމާ ހަޅޭއްލަވައިގަތެވެ.
"ބޮޑު އުދަގުލެއް ކަހަލަ ކުއްޖެއް. ހާދަ ނުލަފައޭ. ހަމަ ކުޑަ ކުޑަ ސޫތްޕެއް. ވަރަށް ފޫހިވެއްޖެ.ޕާކަށްވެސް ނުގެންދާނަން......."
"ވޮޗް ޔޯ މައުތް އެެމާރިސް...........މައުސޫމް ކުޑަކުއްޖަކާއި ދިމާލަށް ފާޑު ފާޑުނަންތައް ކިޔަން ތިފެށީ......................"ހަޒަލްގެ ހިތުގައި ޖެހުނުވަރަށް ރުޅިވެސް އާދެވުނެވެ. އޭރު ސޫފީ އެ ބޮލިތައް ހޮވަން ބިންމަތީގައި އިންއިރު ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއްވިއެވެ.އަމިއްލަ ބަހުރުވައަކުން ކައިރީގައި އިންމީހަކާއި ވާހަަދައްކާފަދައެވެ. އެމާ ސޫފީގެ އަތުން ބޮލިތައް ޖަހައިގެންފާ ނުކުމެގެން ދިޔުމުން ސޫފީ ރޮމުން މަންމަގެ ކަނދުރާގައި ބަައްދައިގަތެވެ. ހަޒަލްގެ ލޯވެސް ކަރުނުން ފުރުނެވެ. އޭނަގެ ދަރިފުޅަކީ ކޮންކަހަލަކުއްޖެއް ކަމާއި ކުރާކަމެއް ނުހުއްޓުވޭނެކަންވެސް ހަޒަލްއަށް އެނގެއެވެ. ހަގީގަތް އެނގުމުން އާއިލާ މީހުންވެސް މި ކުޑަ ދަރިފުޅަށް ނަފްރަތުކުރަން ފަށާނެއެވެ. އެހެން ހިތަށް އެރުމުންވެސް ހިތް ފަޅައިގެންދާވަރުވިއެވެ.
"މަންމިގެ ފުރާނަ..ނުރޮއި. މަންމި އޭގެ ކެވެލިކޮޅެއް ހަދާދޭނަން.."
ހަޒަލް ކަންވާރުފަށެއް ބޭނުންކޮށްގެން ބޮލިތަކުން ކެވެލިކޮޅެއް ގަތަން މަސައްކަތްކުރަންފެށިތަނާ ކައިދަން އައެވެ."ތިހާ މަސައްކަތްނުކުރިޔަސް ބޮލިން ހަދާފައިވާ ކެވެލިކޮޅެއް ސޫފީއަށް ލިބިދާނެ........"
ކައިދަން ސޫފީގެ އަތުގައި އަޅުވާދިން ފަށް ފެނުމުން ސޫފީގެ ނޫ ދެލޯ ދިއްލުނެވެ.
"ލަވް ލަވް ޕާޕާ...."
***
ހޮސްޕިޓަލްތެރެއިން ފެންނަމުންދާ އާދަޔާ ޚިލާފު ކަންތައްތަކުގެ ސަބަބުން އެތާ މަސައްކަތްކުރާ މުވައްޒަފުންގެ ހިތަށް ބިރުވެރިކަން ވަދެފައިވިއެވެ. ބިރުވެރި ޝައިތާނީ އަޑުތައް އިވުމާއި ލިފްޓަށް އަރާއިރު މައްސަލަތައް ދިމާވުމާއި ސިޑި ބަރި ހުންނަތަނުން އިސްތަށިގަނޑު ވިހުރުވާލައިގެން ހުންނަ އަންހެންކުއްޖަކު ފެނިގެން އެވާހަކަ ދެކެވެން ފެށުނެވެ. އާއްމުކޮށް ފެންނަނީ ލައިލާގެ ސިފައިގާ ހުންނަ އަންހެންކުއްޖަކާއި ދެ ޒުވާން ފިރިހެނުންނެވެ.
ހައިސަމްއާއި ޖައިޝް ރެސްޓޯރެންޓްގައި ކޮފީ ބޯން ތިބިއިރު ހައިސަމްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ޖައިޝްގެ ވާހަކަތަކުން އޭނަގެ ތަބީއަތަށް އިންގިލާބެއް ގެނުވައިފިއެވެ.
"ސީރިޔަސްކޮށްތަ؟ މަންމަ ތިހާ އަނިޔާވެރިވެދާނެ ކަމަށް ގަބޫލެއްނުކުރަން..."
"މަންމަ ގާތުން ސީދާ އެހީމަ ޔަގީންވާނީ......."
ނުނިމޭ