01 Apr 2012, 16:51
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ]އެމްޑީޕީ[ ސަރުކާރުގެ ތިން މިނިސްޓަރަކަށް މަގުމަތިން ދިން ހަމަލާ އެ ޕާޓީން ކުށްވެރިކޮށް މިއަދު ބަޔާނެއް ނެރެފި އެވެ.
އެ ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީއާ ބީރައްޓެހި، ނާތަހުޒީބު އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ފައިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބަށް ހަމާލާދީފައި ވަނީ ދުރާލާ ރާވައިގެން އެ ޕާޓީއާ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި އެއީ ރަހުމު ކުޑަ ފިނޑި، އަމަލެއް ކަމަށް ވެސް އެ ޕާޓީ އިން ބުނެފައިވެ އެވެ.
އެމްޑީޕީ އިން ބުނެފައި ވަނީ ރާއްޖެ އިން އެފަދަ އަމަލުތައް ތަކުރާރުކޮށް ފެނުމަކީ އެ ޕާޓީން ލަދުވެތިވެ، ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ އަށް ބޮޑެތި ގެއްލުންތަކާ ކުރިމަލާން ޖެހޭނެ ކަމެއް ކަމަށް ވެސް އެ ޕާޓީ އިން ބުނެފައިވެ އެވެ.
"މިފަދަ ހަރުކަށި އަމަލުތައް ރާވައި ހިންގައި އެފަދަ އަމަލުތަކަށް ފާޅުގައި ހިއްވަރުދޭ ފަރާތްތަކާއި އެ އަމަލުތައް ހިންގަމުންދާ ފަރާތްތައް ހިފައި ހައްޔަރުކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ ހަރުކަށި އަދަބު ދިނުމަށް އެންމެހާ ފަރާތްތަކަށް މި ޕާޓީން ގޮވައިލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ތިން މެންބަރަކަށް ހަމަލާދިން އިރު ޕީޕީއެމްގެ ކައުންސިލް މެންބަރު މާޒު އަހުމަދު ސަލީމު ގޭގައި ހުންނަވަނިކޮށް ބަޔަކު ވަނީ އޭނާގެ ގެއަށް ވަދެ، އޭނާ އަށް ހަމަލާދީފަ އެވެ.