18 Sep 2022, 17:08
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ދިވެހި ގައުމީ ޓީމު ބުރުނާއީއަށް ފުރައިފިއެވެ.
ބުރުނާއީއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗު މިމަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފަައިވާއިރު 23 ވަނަ ދުވަހު ދިވެހި ގައުމީ ޓީމު ލާއޯސްއާ ދެކޮޅަށް ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދެ މެޗަކީ ފީފާގެ ރޭންކިންއަށް ގުނާ ދެ މެޗެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ. އަދި ލާއޯސް 183 ވަނައިގައި އޮތްއިރު، ބްރޫނާއީ އޮތީ 190 ވަނައިގައެވެ.
އެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ވަނީ ބ. އޭދަފުށީގައި އެ ރަށުގެ ޓީމާ ދެކޮޅަށް ޕްރެކްޓިސް މެޗެއް ކުޅެފައެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ގައުމީ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ.
އެންމެފަހުން ރާއްޖޭގެ ގައުމީ ޓީމު މެޗެއް ކުޅެފައިވަނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިދިޔަ މާޗުމަހު ކުޅުނު އެ މެޗު ރާއްޖޭން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ބުރުނާއީ އާއި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ އާ ކުޅުންތެރިންތަކަަކަށް ފުރުސަތު ދީފައެވެ. އޭގެތެރޭގައި މުހައްމަދު ރަޝީދު (ޕޮގްބާ)، އިޔާން އަބްދުލް އަލީމް (ޗިކީ) އަހުމަދު ބައްސާމް (ބައްކު)، އަހުނަފް ރަޝީދު (އަހުއްކޮ) ހިމެނެއެވެ.
މީގެއިތުރުން ސްކޮޑުން ބާކީ ކޮށްފައިވާ ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު މުހައްމަދު ފައިސަލް، ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އުމައިރު، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ، ހިމެނެއެވެ.
އަނިޔާގެ ސަބަބުން ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ ފާސިރު (ސެންޓޭ)އާއި މާޒިޔާގެ އިތުރުން ގައުމީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ އިބްރާހީމް އައިޝަމަށް އެ މެޗުތަކުގައި ބައިވެރިނުވެވެއެވެ. އަދި އަމިއްލަ ސަބަބަކާހުރެ ރާއްޖޭގެ ހަލުވި ފޯވާޑް ނާއިޒު ހަަސަން (ދާދު) ވަނީ މެޗުތަކުގައި ބައިވެރިނުވާން ނިއްމައިފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ބުރުނާއީއަށް ފުރަނީ --- ފޮޓޯ/ ސިޑިބަރި
އެކުވެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑް
ގޯލްކީޕަރުން:
އިޔާން އަބްދުލް އަލީމް (މާޒިޔާ)
- ހުސައިން ޝަރީފް (މާޒިޔާ)
- ހަސަން އަލީފް އިބްރާހީމް (އީގަލްސް)
ޑިފެންޑަރުން:
ހައިޝަމް ހަސަން (މާޒިޔާ)
- ހަސަން ޝިފާޒް (މާޒިޔާ)
- ސަމޫހު އަލީ (މާޒިޔާ)
- އަހުމަދު ނޫމާން (އީގަލްސް)
- ހުސެއިން ޝިފާއު ޔޫސުފް (އީގަލްސް)
- އަހުނަފް ރަޝީދު (ސަސް)
- މުހައްމަދު ސައިފް (ކްލަބް ގްރީން ސްޓްރީޓްސް)
މިޑްފީލްޑަރުން:
ހުސައިން ނިހާން (މާޒިޔާ)
- މުހައްމަދު އިރުފާން (މާޒިޔާ)
- ހަމްޒާ މުހައްމަދު (މާޒިޔާ)
- އިބްރާހިމް ވަހީދު ހަސަން (މާޒިޔާ)
- ހަސަން ސުފްޔާން (ވެލެންސިއާ)
- އަހުމަދު ހަސަން (އީގަލްސް)
- އަހުމަދު ބައްސާމް (ޔުނައިޓެޑް ވިކްޓަރީ)
- ނިޝާމް މުހައްމަދު ރަޝީދު (ޓީސީ)
ފޯވާޑުން:
އިބްރާހިމް މަހުދީ (މާޒިޔާ)
- އަހްމަދު ރިޒްވާން (އީގަލްސް)
- ހަސަން ރާއިފް އަހުމަދު (އީގަލްސް)
- އަބްދުﷲ ޔާމީން (ވެލެންސިއާ)