18 Sep 2022, 12:35
އައްޑޫ ސިޓީ ހިތަދޫގައި ލޮރީއަކުން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އަައިޖީއެމްއެޗްއިން ބުނެފިއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކަށެވެ.
އެ މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށް ފަހު މާލެ ގެނެސް، އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދިނެވެ. އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އޭނާ އަދިވެސް އޮތީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ހިތަދޫން "ސަން"އާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާގައި އަނިޔާވި މީހާގެ މޫނަށާއި ބޮލަށާއި ގަޔަށް އެކި ވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އެތެރެހަށީގެ ގުނަވަންތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ވީޑިއޯއިން ފެންނަނީ މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ފިރިހެނެއްގެ ގަޔަށް ލޮރީ އަރާ މަންޒަރެވެ. އަދި އޭނާ ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަން ހާމަކޮށްފައެއް ނުވެއެވެ.