ސައުދީ އަރަބިއާގެ 63 އަހަރުގެ ފިރިހެނަކު 53 އަންހެނުންނާ ކައިވެނިކޮށްފައިވާ ކަމަށް ބުނާ ވީޑިއޯއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސައުދީގެ އަބޫ އަބްދުﷲ ކިޔާ މީހަކު 43 އަހަރު ތެރޭ 53 އަންހެނުންނާ އިނދެފައިވާ ކަމަށް ބުނާ ވީޑިއޯއެކެވެ. އެ ވީޑިއޯ ހިއްސާ ކުރަމުން ބައެއް މީހުން ވަނީ އޭނާއަށް ތައުރީފުކޮށް، އެމީހުން ވެސް ގިނަ އަންހެނުންނާ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ ވީޑިއޯ ބެލުމަށް ފަހު އެހެން ބައެއް މީހުން ވަނީ އެއީ ފަޚުރުވެރިވާން ޖެހޭ ފަދަ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެކަމުން ދޭހަވަނީ ކައިވެންޏެއް ދަމަހައްޓަން އަބްދުﷲ 50އަށް ވުރެ ގިނަ ފަހަރު ނުކުޅެދިފައިވާކަން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

އެ ވީޑިއޯއާ ގުޅިގެން، ސައުދީ ދައުލަތުގެ މީޑިއާ ކުންފުނި އެމްބީސީގެ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި އަބްދުﷲ ބުނީ އޭނާ ކައިވެނި ކުރީ އަމިއްލަ އުފަލަށް ޓަކައި ނޫން ކަމަށެވެ. އޭނާ ބޭނުންވީ ދިރިއުޅުން ހަމަޖަައްސައި، ހިތްހަމަޖެހިގެން އުޅެން ކަމަށް އަބްދުﷲ ބުންޏެވެ.

އަބްދުﷲ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން 20 އަހަރުގައެވެ.

"އަހަރެން ފުރަތަމަ ކައިވެނި ކުރިއިރު އިތުރު އަންހެނަކާ ކައިވެނި ކުރުމުގެ ވިސްނުމެއް ނުގެންގުޅެން. އޭރު އަހަންނަށް ދަރިން ލިބި، ހިތްހަމަޖެހުން ލިބުނު. ނަމަވެސް ފަހުން މައްސަލަތައް ޖެހުމުން އަހަރެންގެ އުމުރުން 23 އަހަރުގައި އެހެން މީހަކާ އިންނަން ނިންމާ، އެކަން އަނބިމީހާއަށް އެންގިން،" އަބްދުﷲ ބުންޏެވެ.

އެއަށް ފަހު ދެވަނަ އަނބިމީހާއާ ވެސް މައްސަލަ ޖެހެން ފެށުމުން އިތުރު ދެ އަންހެނަކާ އިނދެ، ފުރަތަމަ ދެ އަނބިން ވަރިކުރަން އަބްދުﷲ ނިންމިއެވެ. ނަމަވެސް އެއްވެސް އަންހެނަކަށް އިހާނެތިކޮށް ހިތާފައި ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އަބްދުﷲ ކައިވެނި ކުރި ގިނަ އަންހެނުންނަކީ ސައުދީ މީހުން ކަމަށްވީ ނަމަވެސް އޭނާ ބޭރުގެ ބައެއް އަންހެނުންނާ ވެސް ކައިވެނިކޮށްފައިވެއެވެ. އޭނާ ބުނި ގޮތުގައި ބޭރު ގައުމުތަކުގެ އަންހެނުންނާ އިނދެފައި ވަނީ އޭނާގެ މަސައްކަތުގެ ގޮތުން ތިން ހަތަރު މަސް ވަންދެން އެ ގައުމުތަކުގައި ދިރިއުޅުނު ދުވަސްވަރެވެ.

އަބްދުﷲ ބުނި ގޮތުގައި އޭނާގެ އެންމެ ކުރު ކައިވެނި ރޫޅުނީ އެންމެ ދުވަހެއްގެ ތެރޭގައެވެ.

"ކޮންމެ ފިރިހެނަކު ވެސް ބޭނުން ވާނީ އަންހެނަކާ އިނދެ، އެމީހަކާ އެއްކޮށް އުމުރަށް ދިރިއުޅެން. ދިރިއުޅުން ހަމަޔަކަށް އެޅޭނީ ޒުވާން އަންހެނަކާ އެއްކޮށެއް ނޫން، އުމުރުން ދުވަސްވީ އަންހެނަކާ އެއްކޮށް،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ މިހާރު އިނދެގެން އުޅެނީ އެކަކާއެވެ. އޭނާ ބުނީ ދެން އިތުރު ކައިވެންޏެއް ނުކުރާނެ ކަމަށެވެ.