ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ ރެއާލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑު ބައްދަލުކުރާ "މެޑްރިޑް ޑާބީ" މެޗު މީޑިއާނެޓުން ބަލާލެވޭނެއެވެ.

ހުނަރުވެރި ކުޅުންތެރިންގެ ހަރަކާތްތަކާއި ފޯރިގަދަ ކުޅުމެއް ޔަގީނުންވެސް ފެނިގެންދާނެ މި މެޗަކީ ކޮންމެ އަހަރަކުވެސް އެތައް ބަޔެއްގެ ލޯތައް ހުއްޓިގެންދާ ކުރިމަތިލުމެކެވެ.

އެތުލެޓިކޯގެ މެޓްރިޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅޭ އެ މެޗު ފަށަން ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

ފާއިތުވި ކުރިމަތިލުންތައް

ރެއާލް އަދި އެތުލެޓިކޯގެ އެންމެ ފޯރިގަދަ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަަޔަކު ސިފަކޮށްފައިވަނީ 2014 އަދި 2016 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި އެ ދެ ޓީމް ކުޅުނު މެޗްތަކެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ފައިނަލުގެ 93 ވަނަ މިނެޓުގައި އޭރުގެ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ޖެހި ގޯލުން ދެ ޓީމު އެއްވަރުވެ، އިތުރު ވަގުތުގައި ރެއާލް މެޑްރިޑުން ވަނީ އިތުރު 3 ގޯލު ޖަހާ 4-1 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ފައިނަލުގައި 90 މިނެޓުގެ ކުޅުން ނިމުނު އިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތު ކުޅެވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީގައި ރެއާލް މެޑްރިޑުން ވަނީ އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދާފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ސުޕަ ކަޕުން ވެސް ފެނިފައިވަނީ މެޑްރިޑް ޑާބީއެކެވެ. އެ މެޗު ކާމިޔާބު ކުރީ އެޓްލެޓިކޯ މެޑްރިޑުންނެވެ.

ތާރީހަށް ބަލާއިރު ރެއާލް އަދި އެތުލެޓިކޯއިން ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން 229 މެޗުގައި އެ ދެ ޓީމުން ވާދަކޮށްފައިވާއިރު 113 މެޗު ރެއާލުން ވަނީ ކާމިޔާބުކޮށްފައެވެ.

ލަލީގާގައި އެ ދެ ޓީމު 170 ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު ރެއާލުން ވަނީ 90 މޮޅު ހޯދައިފައެވެ. އަދި އެތުލެޓިކޯއަށް 40 މެޗު ކާމިޔާބުކުރެވުނު އިރު 40 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން އެ ދެ ޓީމު ވާދަ ކޮށްފައިވަނީ ނިމިދިޔަ އަހަރުއެވެ. އެ އަހަރު ލަލީގާގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކުރިއިރު އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ސީޒަނުގައި ދެ ޓީމުގެ ކުޅުން

ރެއާލް މެޑްރިޑް

މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ރެއާލްއިން ދަނީ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓަމުންނެވެ.

މުޅި ޔޫރަޕުގައިވެސް މި ސީޒަންގައި މި ރެކޯޑު އޮތް ހަމައެކަނި ޓީމަކީ ރިއާލެވެ. ފަސް މެޗުގައި މިހާތަނަށް 15 ގޯލު ރެއާލުން ޖަހާފައިވާއިރު އެ ޓީމުގެ އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބްރެޒިލްގެ ހުނަރުވެރި ތަރި ވިނީޝިއަސް ޖޫނިއާއެވެ.

މިރޭގެ މެޑްރިޑް ޑާބީއާ ކުރިމަތިލާއިރު ރެއާލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ކެޕްޓަން އަދި ދާދި ފަހުން ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފްރާންސްގެ ކަރިމް ބެންޒީމާ އަނިޔާގައިގައި ހުރުމެވެ. ނަމަވެސް ބެންޒީމާ މި މެޗުން ފެނިގެން ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޯޗު އެންޗެލޯޓީ ވަނީ ދާދި ފަހުން ބުނެފައެވެ.

އެޓްލެޓިކޯ މެޑްރިޑް

އެއް މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ މި ސީޒަންގައި މިހާރު ވެސް މުހިންމު ޕޮއިންޓް ތަކެއް ގެއްލިފައިވާ އެޓްލެޓިކޯ މެޑްރިޑް މި ވަގުތު އޮތީ ޕޮއިންޓް ޓޭބަލްގެ ހަތް ވަނައިގައި 10 ޕޮއިންޓާ އެކީއެވެ. ސްޕެއިންގެ ފޯވާޑު އަލްވާރޯ މޮރާޓާ މިހާތަނަށް މި ސީޒަނުގައި ތިން ގޯލް އެ ޓީމަށް ޖަހާދީފައިވާއިރު ކުރީގެ ބާސެލޯނާ ކުޅުންތެރިޔާ ފްރާންސްގެ ގްރިއޭޒްމަން ދަނީ ކްލަބާއި އަލަށް ގުޅި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޑިފެންސިވް ފުޓުބޯޅައެއް ކުޅޭ އެޓްލެޓިކޯ މެޑްރިޑް ކޮޅަށް މި ސީޒަނުގައި ވަދެފައިވަނީ އެންމެ ހަތަރު ގޯލެވެ. ޓީމަށް މި ސީޒަނަށް ގެނައި ކުޅުންތެރިން ކަމުގައިވާ ބެލްޖިއަމްގެ ހުނަރުވެރި ޑިފެންސިވް މިޑްފީލްޑަރު އެކްސެލް ވިޓްސެލް އަދި ޔަންނިކް ކަރަސްކޯ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މީޑިއާނެޓުގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް އައިސް ނެޓްވޯކްގެ ޗެނަލްތަކުން މި ފޯރިގަދަ މެޗު ބަލާލެވޭނެއެވެ. ރޭގަނޑުގެ ލަސް ވަގުތެއްގައި މި މެޗު ބަލާނުލެވުނަސް، މީޑިއާނެޓުގެ އެމް އެސް ޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ކެޗަޕް ފީޗާ މެދުވެރިކޮށް ފަހުން ވެސް މި މެޗު ބަލާލެވޭނެއެވެ.

މީގެ އިތުރުން އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށްސަބްސްކްރައިބްކޮށްގެން ނުވަތަ ކުއިކްޕޭ މެދުވެރިކޮށްވައުޗާއެއްގަނެގެން ކޮންމެ ތަނަކު ހުރެވެސް މެޑްރިޑް ޑާބީ ބަލާލެވޭނެއެވެ.