18 Sep 2022, 09:30
ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު އަޙްމަދު ޙުސައިން، މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 72 އަހަރުގައި އަވަހާރަވި، މުޙައްމަދު އަޙްމަދުގެ ކަށުނަމާދު އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
މުޙައްމަދު އަޙްމަދަކީ މެދުކެނޑުމެއްނެތި 42 އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ސަރުކާރާ ގުޅިވަޑައިގަތީ 1967 ވަނަ އަހަރުއެވެ.
އޭނާއަކީ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެ ދާއިރާގެ އެކިއެކި މަގާމުތަކާއި އިސް މަގާމުތައް ފުރުއްވިއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގިނަ ދުވަސްތަކެއް ވަންދެން، ޗީފް އޮފް ޕްރޮޓޮކޯލްކަން ކުރެއްވުމެވެ.

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު އަޙްމަދު ހުސައިން: މެދުކެނޑުމެއްނެތި 42 އަހަރު ދައުލަތަށް ޚިދުމަތް ކުރެއްވި --
އޭގެ އިތުރުން އިމިގްރޭޝަންގެ ވެރިޔާކަމާއި، ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ވެރިޔާކަމާއި އިންދިރާ ގާާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގެ ވެރިޔާކަން ވެސް ކުރެއްވިއެވެ.
މުޙައްމަދު އަޙްމަދު އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަވަހާރަވި ޚަބަރު ލިބުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އޭނާގެ ޚިދުމަތް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވަނީ މުޙައްމަދު އަޙްމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.