01 Apr 2012, 16:08
މިއަހަރު ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިނުވާ ޖަމާއަތަކުން ހައްޖަށް ގެންދަން ކަމަށް ބުނެ، މީހުން އަތުން ފައިސާ ނެގި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގްރޫޕަކުން ހައްޖަށް ދާން ބޭނުންވާ ބައެއް މީހުންގެ އަތުން ފައިސާ ނަގާފައިވަނީ ހައްޖަށް ގެންދިމުގެ ހުއްދަ އަށް އެދިފައިވާ ޖަމާއަތްތަކަށް މިނިސްޓްރީން ހުއްދަ ދިނުމުގެ މާ ކުރިން ކަމަށެވެ. ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެއީ ޖަމާއަތަކީ "އަލް ބަޓްރަސް" ނަމަކަށް ކިޔާ ޖަމާއަތެވެ.
މިނިސްޓްރީގެ މުޝްރިފް މުސާއިދު މުސާ އަންވަރު ހަސަން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިނުވާ ޖަމާއަތަކުން މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނަގަފައިވާކަން އެ މިނިސްޓްރީއަށް އެނގިފައިވަނީ އާންމުންގެ ފަރާތުން އެ މިނިސްޓްރީއަށް ހުށަހެޅި ޝަކުވާތަކަކާއި ގުޅިގެން ބެލުމުން ކަމަށެވެ.
ނަމަވެސް ފައިސާ ނަގަފާއިވަނީ ކިތައް މީހުންގެ އަތުން އަދި ކިހާ ވަރަކަށް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.
"އެމީހުންގެ މީހުންގެ އަތުން ފައިސާ މިނަގަނީ ތިމަންނަމެން ކަލޭމެން ހައްޖަށް ގެންގޮސްދޭނަމޭ ކިޔާފައި. އެއީ މި މިނިސްޓްރީން ހުއްދަ ދިނުމުގެ ކުރިން. ހުއްދަ މިދެނީ އަޅުގަނޑުމެން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ބަޔަކަށް،"
މުސާ އަންވަރު ވިދާޅުވީ މިހާރު އެ މައްސަލަ ބަލަމުންގެންދާ ކަމަށާއި ކަމާބެހޭ ފަރްތާތަކާއި ހަވާލުކޮށްގެން މައްސަލަ ތަހްގީގު ކުރުމަށްފަހު އެ ޖަމާއަތާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"މިނިސްޓްރީން މައްސަލަ ތަހްގީގު ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅަފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި 16 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅުމުން ހުއްދަ ދިނީ އަށް ޖަމާއަތަކަށެވެ.