17 Sep 2022, 23:44
ސިޔާސީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ބައެއް މެންބަރުން ވަކިވާ މައްސަލައިގައި އެ ޕާޓީން ކަންބޮވުން ފާޅުކޮށްފިއެވެ.
އެމްއާރުއެމުން މިއަދު ބުނީ އެ ޕާޓީއަށް ގިނަ މެމްބަރުން ގުޅުމަކީ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެކަމެއް ކަމަށެވެ. އެކަމަކު އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވުމަށް ބައެއް މެންބަރުން އެ ޕާޓީން ވަކިވަމުންދާތީ އެއީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫންކަމަށް އެ ޕާޓީން ބުންޏެވެ. އަދި އެގޮތަށް ޕާޓީން ވަކި ނުވުމަށް ވެސް އެމްއާރުއެމުން ވަނީ އެދިފައެވެ.
ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ނޯޓިސް ދިނުމަށް އިލެކްޝަނުން މިއަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމިއެވެ.
އެ ޕާޓީތަކުގެ ތެރޭގައި ހިމެނުނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީގައެވެ.
އޭރު އެމްއާރުއެމްގެ މެމްބަރުންގެ ގޮތުގައި ތިބީ 2،300 މެމްބަރުންނެވެ. ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން އެ ޕާޓީން 3،000 މެމްބަރުން ހަމަކުރިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެމްއާރްއެމްގައި މެންބަރުން ތިބި އަދަދަކީ 3،155އެވެ.