17 Sep 2022, 21:45
ދ. ބަނޑިދޫ ސްކޫލުގެ 2019ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުނީޒާ މުހައްމަދު އަދި 2020 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ރަޝްފާ ރަމީޒް ހޯދައިފިއެވެ.
ބަނޑިދޫ ސްކޫލުގެ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ވަނީ ބާއްވައިފައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
ބަނޑިދޫ ސްކޫލްގެ 2019 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ގްރޭޑް 10ގެ ދަރިވަރު މުނީޒާ ވަނީ އެ އަހަރުގެ ކްލާސް ޕްރައިޒް އާއި އިސްލާމް އަދި ކެމިސްޓްރީން ސަބްޖެކްޓް ޕްރައިޒް ހޯދައިފައެވެ.

2019 ވަނަ އަހަރު ބަނޑިދޫ ސްކޫލުން ހުރިހާގޮތަކުން އެއްވަނަ ހޯދި މުނީޒާ މުހައްމަދަށް ސިޔާމް އިނާމު ދެއްވަނީ --- ފޮޓޯ/ ވަގުތު
މުނީޒާ ހޯދި އިތުރު ވަނަތައް
- ޑިސްޓިންޝަން އެވޯޑް
- ޓޮޕް އެޗީވާސް އެވޯޑް
- އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރު
- ބެސްޓް އޯލް ރައުންޑް
- އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން ފަސް މާއްދާއިން މަތިން ފާސްވި ދަރިވަރު
2019 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމުގެ އިތުރުން ރަޝްފާ ވަނީ އެއަހަރުގެ ކްލާސް ޕްރައިޒްގެ އިތުރުން ޤުރުއާނާއި އިސްލާމުން ސަބްޖެކްޓް ޕްރައިޒްވެސް ހޯދާފައެވެ.

2020 ވަނަ އަހަރު ބަނޑިދޫ ސްކޫލުން ހުރިހާގޮތަކުން އެއްވަނަ ހޯދި މަރިޔަމް ރަޝްފާ ރަމީޒަށް ސިޔާމް އިނާމު ދެއްވަނީ --- ފޮޓޯ/ ވަގުތު
ބަނޑިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާޤްގެ ސިފަތައް އަށަގެންނެވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވައިފައެވެ.
ސިޔާމް ވިދާޅުވީ، ކިޔެވި އެއްޗެއްގެ ބޭނުން ހިފޭނީ ލިބިފައިވާ އަޚްލާގެއްގެ މައްޗަށް ކަމަށާއި، ރިވެތި އަޚްލާގެއް ލިބިފައި ނުވާނަމަ، ތައުލީމުގެ އެއްވެސް ބޭނުމެއް ނޯންނާނެކަމަށެވެ.
ބަނޑިދޫ ސްކޫލުގައި ރޭ ބޭއްވި މި ޖަލްސާގައި ވަނީ 2019 އާއި 2020 ވަނަ އަހަރު އެ ސްކޫލުގައި ތައުލީމު ހާސިލްކުރި ދަރިވަރުންގެ ތެރެއިން، އެކި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް އިނާމު ދީފައެވެ.