މަޖިލިސް އިންތިޚާބަށް އެމްޑީޕީން ކަނޑައެޅި މެނިފެސްޓޯ، އެޖެންޑާ 19ގެ އަމާޒަށް ވާސިލުވެވިއްޖެ ކަމަށް ބުނަން ވަރަށް ދަތި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ލައިވްއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވަރަށް ގިނަ ކަންކަން ކުރާނެ ކަމަށް ބުނެ ވައުދުތަކެއް ވި ކަމަށެވެ.

ނަމަވެސް މަޖިލީހަށް އެ ޕާޓީން ކުރި އުއްމީދުތައް ހަގީގަތަކަށް ނުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައާ އަދިވެސް އެހެނިހެން ގޮތް ގޮތުން ރައްޔިތުން ބާރުވެރިކުރުވުމާއި ކައުންސިލުތައް ވަރުގަދަ ކުރުން ފަދަ ކަންކަން ނުވޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި ތަންފީޒުކުރަން ބޭނުންވި އެމްޑީޕީގެ މެނިފެސްޓޯ އެޖެންޑާ 19ގެ ދާންޖެހޭ އަމާޒަށް ވާސިލުވެފައިވާ ކަމަށް ބުނަން ވަރަށް ދަތި ކަމަށެވެ.

ނަމަވެސް ކުރެވިފައިހުރި ކަންކަމާ މެދު ވިސްނާލުން ވެސް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ވަރަށް ބޮޑަށް އިސްލާހު ކުރެވި ކައުންސިލުތަކުގައި އަންހެނުންނަށް 33 ޕަސެންޓް ލިބޭ ގޮތަށް ބަދަލުވެގެން ދިއުން ފާހަގަކޮށްލެވޭ ކަމަށެވެ.

ހަމައެއާއެކު، މިނިމަމްވޭޖު ކަނޑައެޅުމާއި ރިސޯޓް މުވައްޒަފުންނަށް ސާވިސް ޗާޖު ލިބޭ ގޮތް ހެދިގެން ދިއުމަކީ އެޖެންޑާ19ގެ ތެރެއިން ވައުދުވެ ކޮށްދެވިފައިވާ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށް އައިރު ރައްޔިތުންނަށް ވައުދުވެ ނުކޮށްދެވޭ ބައިވަރު ކަންކަން އަދި ހުރި ކަން ފާހަަގަކުރައްވައި ނަޝީދު ވިދާޅުވީ އެކަންކަން ކުރުމަށްޓަކައި 19ވަނަ ރައްޔިތުން މަޖިލީހުގައި އަދިވެސް ދެ އަހަރު އެބައޮތް ކަމަށެވެ.

މިހާރުގެ ރައްޔިތުން މަޖިލީހުގައި ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ލިބިފައިވީ ނަމަވެސް ރައްޔިތުންނަށް ވައުދުވި ގިނަ ކަން ކަން ނުކޮށްދޭ ކަމަށް ބުނެ އިދިކޮޅު ފަރާތަތްތަކުން ވެސް ދަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.