ރެވިއޯ ބޭންޑްގެ ފުރަތަމަ އަލްބަމް "ކުރެހުން" ރިލީސްކޮށްފިއެވެ.

އެ އަލްބަމް ރިލީސްކޮށްފައި ވަނީ ރޭ މެންދަމު 12:00 ގައި ބައިސްކޯފު އޯޓީޓީ ޕްލެޓްފޯމުގައެވެ.

ހަތް ލަވައިގެ މައްޗަށް އެކުލެވޭ މި އަލްބަމުގައި ހިމެނެނީ "ދޫކޮށްފައި"، "ހޫރެއްފަދައިން"، "ފެށުމެއް"، "ހުވަފެން"، "ކުރެހުން"، "ނޭނގުނު ދޯ"، "ރަން ރާގު" މި ލަވަތަކެވެ. މި އަލްބަމްގެ ހިތްގައިމު ލަވަތައް މިހާރު ބައިސްކޯފުންނާއި އިތުރު ޕްލެޓްފޯމްތަކުން އަޑުއަހާލެވޭނެއެވެ.

މި އަލްބަމްގެ ބައެއް ލަވަތައް އެ ބޭންޑުން ވަނީ ކުރިން އާންމުކޮށްފައެވެ. ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް ޗަރުކޭސް ފެސްޓިވަލުގައި ވެސް ރެވިއޯ ބޭންޑް ކުޅެފައި ވެއެވެ. އެ އިވެންޓުގައި ކުރެހުން އަލްބަމްގެ ބައެއް ލަވަތައް ހުށަހަޅާދީފައި ވެއެވެ.

ރެވިއޯ ބޭންޑްގެ އަލްބަމް "ކުރެހުން" ރޭ ރިލީސްކުރި ވަގުތު ބޭންޑުގެ މެންބަރުން ކޭކެއް ފަޅަނީ

ރެވިއޯ ބޭންޑަކީ 2016 ވަނަ އަހަރު، އެ ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ ޒޯލޯ އާއި ޑްރަމާ ޖިމް އަހްމަދު ޖީމް ނިޔާޒް އިސް ނަގައިގެން އުފެއްދި ބޭންޑެކެވެ. މި ބޭންޑުގައި ދެން ހިމެނެނީ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް އާއި ކީބޯޑިސްޓް ހުސައިން ހިސާން އާއި ބޭސް ގިޓަރިސްޓް މުހައްމަދު އިނާން އާދިލްއެވެ. މި ހުރިހާ މެންބަރުންނަކީ ވެސް މިހާރު ރިސޯޓްތަކުގައި މިޔުޒިކް ކުޅޭ މިޔުޒީޝަނުންނެވެ.

ރެވިއޯ ބޭންޑަކީ ޒުވާނުންގެ މެދުގައި މިވަގުތު އެންމެ މަޤްބޫލު އެއް ބޭންޑެވެ. އަމިއްލަ ދިވެހި އުފެއްދުންތަކަށް އިސްކަން ދީގެން ހިތްގައިމު ލަވަތަކެއް ވުޖޫދުކުރަމުން އަންނަ ބޭންޑެކެވެ.