01 Apr 2012, 14:51
އަލުން އަނބުރާ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަކީ މުހިއްމު ކަމެއް ނޫން ކަމަށާއި މުހިއްމީ އިންތިހާބުވެފައިވާ ސަރުކާރެއް އޮތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ޒީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ގައުމު ހިންގަން ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ވެރިކަމަށް އަންނަން ޖެހޭނީ މިނިވަން އިންސާފުވެރި އިންތިހާބަކުން ކަމަށާއި އަނިޔާވެރިކަމާ އެކު ބާރުގެ ބޭނުންކޮށްގެން ނޫން ކަމަށެވެ.
"އިންތިހާބެއް ބާއްވައި، އެމީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކު ރައްޔިތުން ނިންމާހާ ހިނދަކު، އިންތިހާބުވެފައިވާ ރައީސަކީ ކޮންމެ މީހަކަށް ވިޔަސް އެއީ މައްސަލައެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި ކަމަށް ޒީނިއުސްގައިވެ އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ މެދު ވާހަކަ ދައްކަވަމުން އެ އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ގާޒީ ހައްޔަރުނުކޮށް އެކަން އެހެން ގޮތަކަށް ހައްލު ކުރެއްވެން އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އިންތިބާކުން ޑިމޮކްރެޓިކް ސަރުކާރެއް ކަށަވަރުކުރެވިދާނެ، އެކަމަކު އިންތިހާބަކުން ޝަރުއީ ނިޒާމެއް އިސްލާހެއް ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި ފަނޑިޔާރުންނަކީ މައުމޫނު އިހުތިޔާރުކުރެއްވި ބޭފުޅުން ކަމަށެވެ. އަދި ކުރީގެ ހުދުމުތާރު ވެރިކަން އޮތީ ޝަރުއީ ނިޒާމުގެ ނިވަލުގައި ފިލައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
"އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ހުރީ ފަނޑިޔާރުންގެ އަތްޕުޅުގައި، އެކަމާ އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތް. ޝަރުއީ ނިޒާމާ މެދު މީހުންގެ އިތުބާރު ދިޔައީ ގެއްލެމުން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވިއަސް، ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އެ މަނިކުފާނުގެ ވެރިކަމުގައި އެމަނުކުފާނެވެ.
ފަނޑިޔާރު އަބުދުﷲ މުހައްމަދު ހައްޔަރުކުރުން އެއީ އެންމެ ރަނގަޅަށް ކުރެއްވުނު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
"... ފަނޑިޔާރު އެގޮތަށް ދުރަށްލުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ނޫން، ނަމަވެސް އެއްވެސް ކަމެއް ކުރާނެ އެއްވެސް މީހަކު ނެތުނީމާ، ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އުފައްދަން އަޅުގަނޑު އެކަން ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެކަން ކުރަން ޖެހޭނީ ރައީސް. އެކަން އެހެން ވީތީ އަޅުގަނޑު މާފަށް އެދެން. އެވަގުތު އެކަން ކުރެވޭނެ މާގިނަ އެހެން ގޮތްތައް ހުރެދާނެ، ނަމަވެސް ބަޣާވާތެއް ކުރުމަކީ އެއްވެސް ގޮތަކުން އުޒުރު ދެއްކޭނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޒީ ނިއުސްއަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު އަދި ވިދާޅުވެފައި ވަނީ އަވަސް އިންތިހާބަކަށް ތާއީދު ހޯއްދަވަން އަންނަ މަހު އެމަނިކުފާނު އިންޑިޔާ އަށް ވަޑައިގަންނަވާނެ ކަމަށާއި ބޮޑުވަޒީރު މަންމޯހަން ސިންގް ހިމެނޭ ގޮތުން އިންޑިޔާގެ ވީހާ ވެސް ގިނަ ސީޔާސީ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ އިންޑިޔާގެ ރައްޔިތުންނާ ވާހަކަ ދައްކަވާނެ ކަމަށާއި އޭރުން އިންޑިޔާ ސަރުކާރުން ވެސް އަޑު އަހާނެ ކަމަށެވެ.
"އިންޑިޔާގެ ރައްޔިތުންނާ އަޅުގަނޑު ވާހަކަ ދައްކާނަން، އިންޑިޔާދެކެ އަޅުގަނޑުމެން ވާ ލޯބި މަރެއް ނުވާނެ. އިންޑިޔާ ރައްޔިތުންނާ އަޅުގަނޑުމެން ވާހަކަ ދައްކަން ފެށީމާ އިންޑިޔާ ސަރުކާރުން ވެސް އަޑު އަހާނެ. ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އަޅުގަނޑުމެން ބޭނުންވި ގޮތަށް އިންޑިޔާ އަކަށް ކަންތަކެއް ނުކުރެވުނު. ނަމަވެސް އަޅުގަނޑަށް ހީވަނީ އެމީހުން އެނބުރި އަންނާނެ ހެން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.