17 Sep 2022, 12:04
އައްޑޫ ސިޓީ ތަރައްގީ ކުރުމަށް އިސްކަން ދިނުމަކީ މުޅި ރާއްޖެ ވެސް ތަރައްގީ ވާނެ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫގެ އެމްޑީޕީ ސަޕޯޓަރުންނާ ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގެ ބައިވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރަށެއްގެ ބޮޑު އަދި ކުޑަ މިނެއް ބެލުމެއް ނެތި ތަރައްގީ ގެންނަށް އިސްކަން ދީފިނަމަ މުޅި ރާއްޖެއަށް ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރަން މިހާރަށްވުރެ ބޮޑަށް އައްޑޫގެ ކަންކަމަށް އިސްކަން ދީގެން ކުރިއަށް ދާން ޖެހޭ ކަން. މިއީ 32،000މީހުންގެ އާބާދީ. ދެން އޮންނަ ރަށެއްގައި 80 މީހުން އުޅެނީ. ދެން މި ދެ ރަށް ތަފާތު ނުކުރާނަމަ ކިހިނެއްތޯ ހަދާނި. ފަސްގަނޑަކަށް ބެލޭކަށް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުދި އާބާދީ އޮންނަ ރަށްރަށަށް ވެސް އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެން ޖެހޭނެ ކަމަށެވެ. ނަމަވެސް ތަރައްގީ ކުރާނަމަ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ކޮން ގޮތެއް ތޯ ވެސް ބެލުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވެސް އައްޑޫގެ ތަރައްގީއަށް އިސްކަން ދިނުމަށް އެދޭ ކަމަށާއި އެގޮތަށް އެދެނީ ރާއްޖެ އެންމެ އަވަހަށް ބަދަލުވާން އޮތް ގޮތަކީ އައްޑޫ ތަރައްގީ ކުރުން ކަމުގައި ވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެއީ ކުއްލިއަކަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހަމައެއާއެކު ތަރައްގީގެ ރޭހުގައި ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ސިފައެއް ވެސް ލިބިފައިވާ ތަނެއްގެ ގޮތުގައި ނަޝީދު ވަނީ އައްޑޫ ސިޓީ ސިފަކުރައްވާފައެވެ.
"އަޅުގަނޑުމެން ތަރައްގީ ހަމައެކަނި އައްޑޫއަށް ފޯކަސް ކޮށްގެން ދެތިން އަހަރު ދުއްވާ ލައިފިނަމަ ޔަގީން ކޮނޑޭއަށް ލިބޭ ފައިދާ މާ ބޮޑު ވާނެ. ދެން އަޅުގަނޑު ކުޑަ ރަށެއް ބުނީ. ނޫނީ ރަކީދޫ ކަހަލަ އާބާދީ ކުޑަ ރަށްރަށް ވެސް ލިބޭ ފައިދާ ހަތަރު ގުނަ ބޮޑުވާނެ،" ނަޝީދު ވިދާޅުވިއެވެ.
އައްޑޫ ރައްޔިތުންނަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެހީތެރިވެވެން އެބައޮތް ކަމަށާއި އެކަން ކުރެވޭނީ އައްޑޫ ތަރައްގީ ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި އައްޑޫ ސިޓީގެ ތަރައްގީއާ އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާ ވަރަކަށް މުޅި ރާއްޖެވެސް ކުރިއަރާނެއެވެ.