ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމައްދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އާއި އަނބިކަނބަލުން އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ދެ ކަނބަލުން އިނގިރޭސި އާ ރަސްގެފާނު ޗާލްސް ތިން ވަނައާ ބައްދަލުކުރައްވައި، ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވައި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ދަތުރުފުޅަށް ފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާނީ އެލިޒަބެތު ދެވަނަ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި، މިމަހުގެ އަށް ވަނަ ދުވަހުއެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

އެލިޒަބަތު އަވަހާރަވީ ރާނީގެ މަގާމުގައި ހުންނަވާތާ 70 އަހަރު ފުރުނު ފަހުންނެވެ. އެހާ ދިގުމުއްދަތަކަށް އެއްވެސް ބޭފުޅަކު އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚްތުގައި ރެދަލިކުރައްވާފައެއް ނުވެއެވެ.