ޗައިނާގެ ދެކުނުގެ ޕްރޮވިންސް ހޫނާންގެ ވެރިރަށް ޗަންގްޝާގައި ހުންނަ އުސް އޮފީސް އިމާރާތެއްގައި މިއަދު ރޯވެ، އަނދައިފިއެވެ.

އަލިފާން ރޯވީ 42 ބުރިއަށް ހަދާފައި ހުރި 200 މީޓަރު އުސް އިމާރާތެއްގައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އުސް އިމާރާތުގައި އެއްކޮށް ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ހިފާފައެވެ. އިމާރާތުގެ ތެރޭގައި އޮރެންޖް ކުލައިގެ އަލިފާންގަނޑު ރޯވަމުން ދިޔައިރު، އުޑުމައްޗަށް ކަޅު ދުން އަރަމުން ދިޔައެވެ.

އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފަޔާ ފައިޓަރުން ކުރަމުން އަންނައިރު މި ހާދިސާގައި މަރުވި އަދި އަނިޔާ ލިބުނު މީހުންގެ ތަފްސީލެއް ވެސް އަދި ނުލިބެއެވެ.

ދެހާސް ވަނަ އަހަރު އިމާރާތްކޮށް ނިމުނު އެ އުސް އޮފީސް އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެއެވެ.

ހުނާން ޕްރޮވިންސްގެ ވެރިރަށް ޗަންގްޝާގެ އާބާދީއަކީ ގާތްގަނޑަކަށް 10 މިލިއަން މީހުންނެވެ.