ހުޅުމާލެއިން ބީލަމުގެ އުސޫލުން މީހުން ދިރިއުޅުމަށް ބިން ވިއްކަން ކަނޑައެޅި މުއްދަތު އިތުރުކޮށްފިއެވެ.

އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ ބިންތަކެއްކަމަށެވެ. އެއީ ހުޅުމާލެ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 52 ބިމެކެވެ.

މިގޮތުން ބީލަން ފަށަނީ ބީޗް ފްރަންޓުން އަކަފޫޓަކަށް 6،500 ރުފިޔާ އަދި ބީޗް ސައިޑުން އަކަފޫޓަކަށް 5،500 ރުފިޔާއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަހެއް ވާ ބުދަ ދުވަހު ކަމަށެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހައެއް ވާ ބުރާސްފަތި ދުވަހުއެވެ.

ފުރަތަމަ އިއުލާން ކުރިއިރު ނިންމާފައި ވަނީ ބީޗް ފްރަންޓްގެ ބީލަން އަންނަ މަހުގެ ތިން ވަނަ ދުވަހު އަދި ބީޗް ސައިޑްގެ ބިން ވިއްކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށެވެ.

އެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 1،000،000 ރުފިޔާއެވެ.

އެޗްޑީސީން މީގެ ކުރިން މިކަމާ ގުޅިގެން ކުރި އިއުލާނުގައި ވަނީ ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއްކަމަށެވެ. އަދި ބިން ގަތުމަށް ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ:

* ބީޗު ފްރަންޓުން އަކަފޫޓަކަށް 6،500 ރުފިޔާ

* ބީޗު ސައިޑުން އަކަފޫޓަކަށް 5،500 ރުފިޔާ

މީގެ އިތުރުން ބީލަން ހުށަހަޅަން އެދޭ މީހުން ހުށަހަޅާ އަގަށް ހަ ޕަސެންޓް ޖީއެސްޓީ އިތުރުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ބީލަން ފޯމަށް އެދި އީމެއިލް ކުރަން ޖެހޭނީ[email protected]އަށްކަަމަށެވެ. ބީލަމަށް އެދޭ ފޯމު ވިއްކަން ހަމަޖެހިފައިވަނީ 1000 ރުފިޔާއަށެވެ.

ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ފޯމަކީ ވަކި ދެފޯމެކެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކާ ފޯމް ހަވާލުކުރުމަށް އެޗްޑީސީން މުއާމަލާތު ކުރާނެއެވެ.

ބީލަމުގެ އުސޫލުން ގޯތުގަތުމަށް ހުށަހަޅާ މީހުންގެ ޝަރުތުތައް:

* އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވުން.

* މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުން.

* މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން.

* މި ހާލަތުގައި މައިންބަފައިންގެ ފަރާތުން ނުވަތަ އެހެން ގޮތަކުން ވާރުތަވެފައިވާ މުދާ ނުހިމެނޭ.

* އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން.

ބީލަމުން ބިމެއް ގަނެ، އެހެން މީހެއްގެ ނަންމައްޗަށް އެ ބިން ބަދަލުކޮށްފައި ވިޔަސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.