15 Sep 2022, 20:49
އެމްޓީސީސީގެ އާރްޓީއެލް ނެޓްވޯކުގެ ދެވަަނަ އަދި ތިންވަނަ ފިޔަވައްސަށް ބޭނުންވާ 65 ފެރީގެ މަސައްކަތް އަލް ޝާލީ މެރިން މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކަމާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި، އަލް ޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޢަބްދުﷲ ޙުސައިން މުޙައްމަދު އަލް ޝާލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލް މަޝްރޫއަކީ ރާއްޖޭގަި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއުކަމަށެވެ. އަދި އެ މަޝްރޫއަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި އޭނާ ޝުކުރު އަދާކުރެއްވިއެވެ.

އާރްޓީއެލް ފެރީތައް ބަނުމަށް އެމްޓީސީސީއާއި، އަލް ޝާލީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ކ) އަދި، އަލްޝާލީ މޯލްޑިވްސްގެ ޗެއާމަން ޢަބްދުﷲ ޙުސައިން މުޙައްމަދު އަލް ޝާލީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން
އާޒިމް ވިދާޅުވީ ޖުމްލަ 537 މިލިއަން ރުފިޔާގެ މި މަޝްރޫއު ދެ އަހަރުގެ މުއްދަތެއްގައި ނިންމާލެވޭނެ ކަމަށެވެ. އަދި، ވަކިވަކި ސަރަހައްދުތަކަށް ބޭނުންވާ ވަރަށް ފެރީ ބަނދެ، ނިމެމުން ދިޔަ ވަރަކަށް އެ ސަރަހައްދުތަކުގައި ޚިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފިޔަވަހީގައި ބަންނަ ލޯންޗުތަކަކީ މިހާރު ބޭނުންކުރާ ލޯންޗުތަކަށްވުރެ ބޮޑު، 50 މީހުންގެ ޖާގައިގެ ލޯންޗުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން މިހާރު ވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެންމެ އުތުރުގެ ތިން އަތޮޅުކަމުގައިވާ ހއ، ހދ، ށ. އަތޮޅަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.