ދޮގު ބަޔާން ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހިންގަމުންދާ ޝަރީއަތަށް އޭނާގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޑރ. މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ. އެގޮތުން މުއިއްޒުގެ ފަރާތުން ވަނީ ހަތަރު ހުށަހެޅުމެއް ހުށަހަޅާފައެވެ.

އެ ހުށަހެޅުންތަކަކީ ދައުލަތުން ހުށަހަޅާފައިވާ ތިން ހެއްކެއްގެ ހެކިބަސް ބަލައި ނުގަތުމުގެ އިތުރުން ހާދިސާ ހިނގިތަން ދައުވާގައި ބަޔާންކޮށްފައި ނެތުމުން ދައުވާ ބާތިލް ކޮށްދިނުމެވެ.

ނަމަވެސް އެ ހަތަރު ހުށަހެޅުން ބަލައި ނުގަތުމަށް އެކަށީގެންވާ ސަބަބެއް ދެއްކިފައި ނެތް ކަމަށް ބަލައި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވަނީ މުއިއްޒުގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް ނިންމަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މުއިއްޒުއާ ދެކޮޅަށް ހުރި ހެކިތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފަސް މީހުން ހިމެނޭއިރު ދެން ހުރީ ކިތާބީ ހެއްކެވެ.

ދިފާއުން ވަނީ ހެކި ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ އެކަމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ދައުލަތުން މުއިއްޒުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބު އަކީ މި މައްސަލަ ބެލުމާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ޑރ. މުއިއްޒު ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރުކުރައްވައެވެ.