ހިއުމަންރައިޓްސްއާ ބެހޭ މިނިސްޓްރީއެއް އުފެދި ކުޑަކުދިންނާއި ޖެންޑާގެ މައްސަލަތަކަށް އިތުރު ސަމާލު ކަމެއް ދެވުމަކީ ހިއުމަން ރައިޓްސްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަރަށް ބޮޑަށް މަރުހަބާ ކިޔާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސަރުކާރުގެ އޮނިގަނޑަށް ބަދަލެއް ގެނެސް އިތުރު ދެ މިނިސްޓްރީއެއް އުފައްދަން ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމާފައިވާއިރު އޭގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ މިނިސްޓްރީއެއް ހިމަނުއްވާފައި ވެއެވެ.

އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒުރާ މިއަދު ވިދާޅުވީ ސަރުކާރުން ހިއުމަން ރައިޓްސް މިނިސްޓްރީއެއް އުފެއްދުމަކީ ކޮމިޝަންގެ މައްސަކަތްތަކާ މަސްލަހަތު ފުށު އަރައި ތައާރުޒުވުމެއް އޮތް ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެޗްއާރްސީއެމްގެ މަސައްކަތްތައް ބިނާވެފައި ވަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތްކަތްތައް ޒިންމާދާރު ކަމާއެކު ކުރުން ކަމަށްވާއިރު ކުޑަކުދިންގެ މައްސަލަތަކާއި ހިއުމަން ރައިޓްސް އާއި ޖެންޑާގެ މައްސަލަތަކަށް ސަމާލުކަން ދިނުމަށް ސަރުކާރު މަސައްކަތް ކުރުމަކީ މުޅިން ތަފާތު މަސައްކަތަކަށް ވާނެ ކަމަށެވެ.

"މިކަމުގައި އެއްވެސް ފުށުއެރުމެއް އޮތް ކަމަކަށް ކޮމިޝަނަކުން ނުދެކޭ. އޭގެ ބަދަލުގައި ކޮމިޝަނުން ދެކެނީ ސަރުކާރުގެ ތެރެއިން އެ މަސައްކަތް ހިނގައިގަނެ، [ހިއުމަން ރައިޓްސްއަށް] ދެވޭ ސަމާލުކަން އިތުރުވުމަކީ ކުރިއެރުން ލިބޭނެ ކަމެއް ކަމަށް، އެގޮތަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެ މިނިސްޓްރީ އުފެދޭތީ އަޅުގަނޑުމެން މަރުހަބާ ކިޔަން،" ފަހަކަށް އައިސް މީޑިއާ ގާތް ގުޅުމެއް ބާއްވަވާ އަޒުރާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ މިނިސްޓްރީއެއް އުފެއްދުމާ ގުޅޭ ގޮތުން ސަރުކާރުން ކޮމިޝަނުގެ މަޝްވަރާ ހޯދި ކަމަށާއި އެގޮތުން މިނިސްޓްރީ ގާއިމު ކުރުމުގައި ކުޑަކުދިންނާއި ޖެންޑާއާބެހޭ މައްސަކަތްތަކާ ބެހޭ ގޮތުން ހިޔާލާއި ލާފާ އަހާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމާފައިވާ ގޮތަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ މިނިސްޓްރީ އުފެދުމުން މިހާރުގެ ހެލްތު މިނިސްޓްރީން ކުރަމުން އައި ޖެންޑާ އާއި ފެމިލީގެ މަސައްކަތްތައް ބަދަލުވާނީ ހިއުމަންރައިޓްސް އެންޑް ޖެންޑާ އަށެވެ. މިނިސްޓްރީ އުފެއްދުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ރާއްޖޭގައި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެދުނީ މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގައި މ. އޭޝިޔާ، ހަސަން އީވާން ނަސީމަށް ސިފައިންގެ ބަޔަކު އަނިޔާކޮށް މަރާލި މައްސަލައާ ގުޅިގެން އުފެދުނު ހަލަބޮލި ކަމަށްފަހު 2004 ގަ އެވެ. ރާއްޖޭގެ އިންސާނީ ހައްގުތައް އޮތް ގޮތް ބަޔާންކޮށް ބައިނައިލް އަގުވާމީ މުޖުތަމައަށް ދިވެއްސަކު ފުރަތަމަ ރިޕޯޓެއް ހުށަހެޅީ 1963 ވަނަ އަހަރު ހ. ސުނާރު، ސިއްކަގޭ މުހައްމަދު ނަސީމް، އޭރުގެ ސަރުކާރާ ދެކޮޅަށް "ދިވެހި ގައުމު" ގެ ނަމުގައި ހިންގި ހަރަކާތެއްގެ ތެރެއިންނެވެ.