15 Sep 2022, 14:09
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އަހަރީ ދުވަހާ ދިމާކޮށް މާލޭގައި އެ ޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީއޭގެ ނާއިބު ރައީސް އަލީ މައުރޫފް ވިދާޅުވީ އެމްޑީއޭއަށް ލިބޭ ތާއީދު އިތުރުވަމުން އަންނަ ކަމަށާއި، އެކަން ފާހަގަކުރުމުގެ ގޮތުން ޕާޓީގެ އަހަރީ ދުވަސް ކަމަށްވާ، ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު މާލޭ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ މިހާތަނަށް މިވަރުގެ [ބޮޑު] ޖަލްސާއެއް ބާއްވާފައި މިވަނީ ޕީޕީއެމްއާއި، އެމްޑީޕީން. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އެ ދެ ޕާޓީން ބާއްވާ ވަރުގެ ޖަލްސާއެއް ބޭއްވޭނެކަމަށް،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޕާޓީން މެންބަރުން އިތުރުކުރަމުން އަންނަ މަސައްކަތަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، އަހަރީ ދުވަހާ ހަމައަށް 20,000 އާއި 25،000އާ ދެމެދުގެ އަދަދަކަށް މެންބަރުން އިތުރުކުރެވޭނެ ކަމަށެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެ ޕާޓީގެ ރައީސް، އަޙްމަދު ސިޔާމް މުޙައްމަދު އިންތިޚާބަށް ނުކުމެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައިވާއިރު، އެ ޕާޓީއިން އަންނަނީ މެންބަރުން އިތުރުކުރުމުގެ ބޮޑެތި ހަރަކާތްތަކެއް ހިންގަމުންނެވެ.