އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 4-2 ލަނޑުން ޗެލްސީން ކާމިޔާބުކުރިއިރު ފެނާންޑޯ ޓޮރޭޒް ގޯލު ޖަހައިފި އެވެ.
މިއީ ފަހަކަށް އައިސް ގޯލު ނުޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާ ފޯވަޑް ފާއިތުވެދިޔަ 22 މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ. އޭނާ މިދިޔަ އަހަރު ޗެލްސީ އަށް ގެނައީ ލިވަޕޫލުގައި ހުއްޓައި 50 މިލިއަން ޕައުންޑަށެވެ. އޭނާ ލަނޑު ޖެހުމުން މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ވަގުތީ ކޯޗު ޑިމަޓިއޯ ބުނީ ޓޮރޭޒާމެދު ޝައްކު ނުކުރާ ކަމަށާއި އޭނާ އަކީ ދުނިޔޭގެ ޗެމްޕިއަނެއް ކަމަށެވެ. އަދި މިއީ އާ ފެށުމަކަށް ވާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށް ވެސް ޑިމަޓިއޯ ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީއިން އެސްޓަން ވިލާ ކޮލަށް ޖެހި މެޗުގެ ފުރަތަމަ ލަނޑު ނު ވަނަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިންގްލޭންޑުގެ ފޯވާޑް ޑެނިއެލް ސްޓްރިޖެވެ. އަދި ޗެލްސީގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިކް ކާމިޔާބު ކޮށްދިން އިރު، ފަހު ލަނޑު ޓޮރޭޒް ޖެހީ 90 ވަނަ މިނެޓުގަ އެވެ. އެސްޓަން ވިލާގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އެމެރިކާގެ ޑިފެންޑަރު އެރިކް ލިކޭޖް އާއި ވޭލްސްގެ ޑިފެންޑަރު ޖޭމްސް ކޮލިންސް އެވެ.

ރޭގެ މެޗުން މޮޅުވެ، ލިބުނު ތިން ޕޮއިންތާއެކު ޗެލްސީއަށް ހިތްވަރަކާއި ކުރިއެރުމެއް ލިބުނު ިއިރު، ލީގް ތާވަލްގައި އެޓީމް އޮތީ، 53 ޕޮއިންޓާއެކު ޓޭބަލްގެ ފަސް ވަނައިގަ އެވެ. އަދި މެޗުން ބަލިވި އެސްޓަން ވިލާ އޮތީ 33 ޕޮއިންޓާއެކު ޓޭބަލްގެ 15 ވަނައި ގައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު ވެސްޓް ބްރޯމްއާ ވާދަކޮށް 2-0 އިން އެވަޓަން ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. އަދި ނޯވިޗް އަތުން ފުލްހަމް މޮޅުވީ 2-1 ލަނޑުން ނެވެ.