15 Sep 2022, 10:04
ޗެމްޕިއަންސް ލީގުގައި ގަދަ ބާރު ޕީއެސްޖީން ފަހަތުންއަރައި އިޒްރޭލުގެ މެކަބީ ހައިފާ އަތުން މޮޅުވެއްޖެއެވެ.
މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުގެ ފަރާތުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި މެކަބީ ހައިފާއިން ވަނީ ގޯލެއްޖަހައި ޕީއެސްޖީ ސިއްސުވާލައިފައެވެ. އެ ގޯލަކީ ޑޯލެވް ހަޒީޒާ ނަގައިދިން ހުރަހަކުން ޖާރޯން ޗެެރީ ޖެހި ގޯލެކެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 37 ވަނަ މިނެޓުގައި މެސީ ވަނީ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ގޯލަކީ ކީލިއަން އެމްބާޕޭ އެހީތެރިކަމާއެކު ލިއޮނަލް މެސީ ޖެހި ގޯލެކެވެ.
އެ ގޯލާއެެކު މެސީ ވަނީ ޖެހިޖެހިގެން 18 ޗެމްޕިއަންސް ލީގު ސީޒަނުގައި ގޯލު ޖަހައިފައެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 39 ޓީމެއް ކޮޅެއް ގޯލު ޖަހައި ރިކޯޑު ފޮތަށް އަރައިފައެވެ.
މީގެއިތުރުން މެޗުގެ 45 ވަނަ މިނެޓުގައި މެސީއަށް ވަނީ އިތުރު ގޯލެއް ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާބޭރުން ބޯޅައާއެކު އޭރިއާތެރެއަށް ވަދެ ޑިފެންސްލައިންގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މެސީ ޖެހި ބޯޅަ ދިފާއުކުރީ މެކަބީ ހައިފާގެ ކީޕަރެވެ.
މެޗުގެ 69 ވަނަ މިނެޓުގައި މެސީ މެކަބީ ހައިފާގެ އޭރިއާ މެދުތެރެއިން ދުއްވާލި ތްރޫ ޕާހެއްގެ ބޭނުން ހިފައިގެން އެމްބާޕޭ ވަނީ ޕީއެސްޖީއަށް މެޗުގެ ލީޑު ނަގައިދީފައެވެ.
މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މާކޯ ވެރާޓީ ޕީއެސްޖީ ހާފުތެރެއިން ދިން ތްރޫ ޕާހަކުން ނޭމާ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފައެވެ.
އެ ނަތީޖާއާއެކު ޕީއެސްޖީ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ބެންފީކާ ވެސް އޮތީ ހަ ޕޮއިންޓާއެކުއެވެ. ނަމަވެސް ޕީއެސްޖީއަށް އެއްވަނަ ލިބެނީ ގޯލު ތަފާތުންނެވެ. ތާވަލުގެ ތިން ވަނައިގައި އެއްވެސް ޕޮއިންޓެއް ނުލިބި ޔުވެންޓަސް އޮތްއިރު، ފުލުގައި އޮތީ މެޗުން ބަލިވި މެކަބީ ހައިފާއެވެ.