މިދިޔަ ހުކުރުދުވަހު، މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުން ތަކަކަށް ހަމަލާދިން މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ފުލުހުންތަކަކަށް ހަމަލާދިން މައްސަައިގައި އިތުރު ބަޔަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ މިރޭ ކަމަށެވެ.

މީގެ ކުރިން ވަނީ މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. ސީޕީ ހަމީދު މީގެ ކުރިން ވަނީ އެ ހަމަލާ ދީފައިވަނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށް ވިދާޅުވެފައެވެ.

ސީޕީ އެ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ޑްރަގްގެ މައްސަލަތައް ހައްލުކުރުމަށް މިހާރަށް ވުރެ ފުޅާ، ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އެންމެ އެދެވޭގޮތުގައި ފުރިހަމަ ކުރުމަށް ފުލުހުންނަށް އިތުރު ހިތްވަރާއި ރައްކާތެރިކަން ބޭނުންވާކަމަށް ސީޕީގެ ޓްވީޓުގައިވެއެވެ.

އެ ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ވަނީ ފަރުވާދީފައެވެ.