01 Apr 2012, 13:33
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑް ދެކޮޅަށް ކުޅެ، 3-3 އިން އެއްވަރުވުމުން ލީގް ހޯދުމަށް މެންޗެސްޓާ ސިޓީން ކުރާ މަސައްކަތައް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ލީޑް ނެގީ ސަންޑްލޭންޑުން ނެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ސަންޑްލޭޑުގެ ފުރަތަމަ ލަނޑު ސްވިޑްންގެ މިޑްފީލްޑަރު ސިބަސްޓިއަން ލާސަން ކާމިޔާބު ކޮށްދިން އިރު އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ވެސް އޭނައެވެ. ސަންޑުލޭންޑުގެ ދެ ވަނަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި އެޓީމަށް ޖަހައި ދިނީ، ޒުވާން ފޯވާޑް ނިކަލޮސް ބެންޓްނާ އެވެ.
ރޭގެ މެޗުގައި ސީޓީން ސަންޑުލޭންޑް ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން އިޓަލީގެ ފޯވާޑް މާރިޔޯ ބަލޮޓީ ކާމިޔާބު ކޮށްދިން އިރު، ސިޓީގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އޭނައެވެ. އަދި އޭގެ މިނިޓެއް ފަހުން ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ސާބިއާގެ ޑިފެންޑަރު އެލެކްޒެންޑާ ކެލަރޯފް އެވެ.
ރޭގެ ބޮޑު މެޗުން ސިޓީއަށް ނަތީޖާއެއް ނުނެރެވި، މެޗު އެއް ވަރުވުމުން، ލިބުނު އެއް ޕޮއިންޓާއެކު އެ ޓީމް އަދި އޮތީ 71 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ. އެހެންކަމުން ލީގް ތާވަލްގެ އެއްވަނާގައި 73 ޕޮއިންޓާއެކު މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑް މާދަމާ ރޭ ބްލެކްބާންއާ ދެކޮޅަށް ކުޅޭ، މެޗުން މެންޔޫ މޮޅުވެއްޖެ ނަމަ، ދެ ޓީމުގެ ދެ މެޗަށް ފުޅާވާނެ އެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު 41 ޕޮއިންޓާއެކު
ސަންޑްލޭންޑަށް ލީގުގެ ނުވަ ވަނަ ވަނީ ލިބިފަ އެވެ.