މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުނުވުމުން އަމުރު ނެރެގެން ވެސް ދެންއަންނަ ކޮމިޓީއަކަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މިއަދު ހެނދުނު 11 ޖަހާއިރު ފެށުމަށް ތާވަލުކުރި އެ ކޮމެޓީގައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރުމެވެ.

އޮޑިޓް އޮފީހުގެ ބޭފުޅުންނާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި އޮތް އެ ބައްދަލުވުން ފެށިއިރު ވެސް ޓްރާންސްޕޯޓް މިނިސްޓަރު އަދި މިނިސްޓްރީގެ ޓީމު ހާޒިރު ވެފައެއް ނުވެއެވެ.

"އަޅުގަނޑު މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނަށް އަހަރީ ރިޕޯޓް ހުށަހެޅުމަށް ދަންނަވާފައި ވަނީ އެހެންވީމަ ކޮމެޓީގެ އިއްޒަތްތެރި މެންބަރުން ވިދާޅުވަނީ މިއަދު ކޮމެޓީއަށް ވަޑައިނުގަތްކަމަށް ބަލާފައި ކެންސަލް ކުރެއްވުމަށް. ދެންއަންނަ ދުވަހަކަށް އަމުރު ނެރެގެން ވެސް ހާޒިރުކުރުމަށް. އެވާހަކަ ރިކޯޑަށްޓަކައި އަޅުގަނޑު ދަންނަވާލީ," ކޮމެޓީ ފެށިތާ އަށް މިނެޓް ފަހުން ކޮމިޓީ ބައްދަލުވުން ނިންމާލައްވަމުން މުގައްރިރު އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުالله ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށާއި ކޮމިޓީއަށް ޖަވާބުދާރީ ވާން ޖެހޭނީ މިނިސްޓްރީތަކުން މިނިސްޓަރެވެ. އަދި މިނިސްޓްރު އެކުލެވޭ ގޮތަށް ޓީމެއްގެ ގޮތުގައި ވެސް ޖަވާބުދާރީ ވެވޭނެއެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ, ދައުވަތު ލިބިފައި އޮތް ގަޑިއަށް މިނިސްޓަރަށް ވަޑައިނުގެންނެވުނީ ކުއްލި ކަމެއް ދިމާވެގެން ކަމަށާއި އެކަން މަޖިލީހަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވިއިރު ކޮމިޓީ ނިންމާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.