އިނގިރޭސި ރާނީ، އެލިޒެބަތު ދެވަނަ އަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ގައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ، ފައިތިލަ ސާބިތުކުރުމަށް ފުރުސަތު ދެއްވި ބޭކަނބަލެއް ކަމަށް ރާނީގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ދެ ކަނބަލުން ލިޔުއްވައިފިއެވެ.

އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަ ދުވަހު ރެދަލި ކުރެއްވި ރާނީ އެލިޒެބަތު ދެ ވަނަ އުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާ ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުން ސޮއިކުރެއްވީ މިއަދުއެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު ދެ ވަނައިގެ ރަނިކަން ސިފަކުރައްވާފައި ވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގައެވެ.

ރައީސްގެ ދެ ކަނބަލުން ސޮއި ކުރެއްވި ދަފްތަރު -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ޚިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމަށް ވެސް ބަޔާނުގައި ލިޔުއްވާފައިވެއެވެ.

ބަޔާނުގައި ރައީސްގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒެބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހީން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކުގައެވެ. އަދި ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު ދެ ވަނައާ މުޚާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ.