01 Apr 2012, 13:27
ދީނީ ކަންކަމަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން އަތޮޅުތެރެއަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން ހާއްސަ ވޯކްޝޮޕްތަކެއް ހިންގަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ އިލްމްވެރިންނާ އެކު އަތޮޅުތެރެއަށް ގޮސް ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދާނީ އެރަށެއްގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ކަމަށެވެ.
މި ވޯކްޝޮޕް ފުރަތަމަ ހިންގާފައިވަނީ މިދިޔަ މަހު ގެ 21 ން 24 ނިޔަލަށް މ. އަތޮޅުގެ ރަށްތަކުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ތަރްޖަމާނު އަލްއުސްތާޛް މުސާ އަންވަރު ހަސަން މިއަދު ވިދާޅުވީ ވޯކްޝޮޕް ހިންގަނީ އިސްލާމިކް މިނިސްޓްރީގެ ބަޖެޓުން ކަމަށާއި އިތުރު އަތޮޅުތަކެއްގައި އެފަދަ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދިނީ ހޭލުންތެރިކަން އިތުރުކުރުމަށް އަތޮޅުތަކުގައި ހިންގާ ވޯކްޝޮޕަތައް ވަރަށް ކާމިޔާބު ކަމަށާއި އަމާޒަކީ ރާއްޖޭގެ ބޮޑެތި އާބާދީ އޮތް ރަށްރަށުގައި ވޯކްޝޮޕްތައް ހިންގުން ކަމަށެވެ.
" ވަރަށް ކާމިޔަބު ކަމަށް މި ފާހަގަކުރެވެނީ. މިސްކިތްތަކަށް ގިނަ ވެގެން މިދަނީ ވިއްސަކަށް މީހުން. މުޅި ކޮމިއުނިޓީއަށް ހުޅުވާލީމަ ހުރިހާ އެންމެވެސް ދާނެ. މިސާލަކަށް އޭގަ އަޅުގަނޑުމެން ސްކޫލްތަކާއި ކައުންސިލްތަކާއި ގުޅިގެން މި ޕްރްގުރާމް ހިންގާ ކަމަށްވާނަމަ ސްކޫލުން ކުދިންވެސް ބައިވެރިވާނެ. އޭގެ އިތުރުން ބެލެނިވެރިންވެސް ދާނެ. އަދި އޭގެ އިތުރުން އާންމު ރައްޔިތުންވެސް ބައިވެރިވާނެ މި ގޮތަށް މި ޕޮރްގުރާމްގައި ބައިވެރިވާނެ،" އަންވަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރުގެ ޒަކާތު ފަންޑުން ހޭދަކޮށްގެން ރާއްޖެ ތެރޭގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރްގްރާމްތަކެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ރާވާފަ އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ރާއްޖެތެރެއަށް އަމާޒުކޮށް ދީނީ ނަސޭހަތް ދިނުމުގެ ޕްރްގުރާމަތައް ވޯކްޝޮޕްތަކެއް ގޮތަށް ކުރިއަށް ގެންދިއުމަށް ވިސްނަމުންދާ ކަމަށެވެ.