10:00


އިޤްތިޞާދީ ގޮތުން ޤައުމުގެ ބޮޑެތި މަޝްރޫޢުތައް ބޭރު ޤައުމުތަކުގެ މީހުންގެ އަތްދަށަށް ދިޔުމަކީ ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކުން ކުރިމަތިވެދާނެ ނުރައްކަލެއް ކަމުގައި ނައިބް ރައީސް ވިދާޅުވެއްޖެ އެވެ.


ނައިބް ރައީސް މިހެން ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީހުން ނެރެފައިވާ އެމަނިކުފާނުގެ ހިތާބުގަ އެވެ. ނައިބް ރައީސް ވިދާޅުވެފައިވަނީ މުސްތަޤިއްލު ވަކި ޤައުމެއްގެ ގޮތުގައި ދިވެހިން ސާބިތުވެ ތިބުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އަބަދުވެސް ދިވެހި ރައްޔިތުންގެ ބާރު ދިވެހި ޤައުމުގެ އެންމެހާ ކަންކަމުގެ މައްޗަށް ވެރިކުރުން ކަމަށެވެ. އަދި މިޤައުމުގެ ސަރަޙައްދުގައިވާ އެންމެހާ ވަސީލަތްތަކަކީ، ދިވެހިންގެ ކުރިމަގު ރަނގަޅުކުރުމަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ ވަސީލަތްތަކެއް ކަމުގައި ހެނދުން ކަމަށްވެސް ނައިބް ރައީސް ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ، މިޤައުމުގެ ސަރަޙައްދަކީ ދިވެހި ރައްޔިތުންގެ މުޤައްދަސް ބިން އެކުލެވޭ ސަރަޙައްދުކަމަށްވުމާއެކު ދިވެހިންނަށް ފުރިހަމަ ހިމާޔަތާއި ސަލާމަތްކަން ލިބޭ ތަނަކަށްވުމާއި ދިވެހިންގެ ދީނާއި އާދަކާދަތަކާ ދިވެހިންގެ ބަސް ހިމެނޭ ދިވެހިވަންތަކަން ދެމެހެއްޓުން ކަމަށްވެސް އެ ހިތާބުގައިވެ އެވެ.


ދިވެހިންގެ ބާރު ދިވެހި ޤައުމުގައި އަބަދުވެސް ދަމަހައްޓާ ދިވެހިންގެ ސިޔާދަތު ހިފެހެއްޓުމަކީ، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިއްމު އެއް ރުކުން ކަމަށާއި ކޮންމެ ޤައުމަކަށްވެސް ދިމާވާ ބޭރުގެ ތަފާތު ނުރައްކާތައް ހުންނަ ކަމަށް ނައިބް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.


ﷲގެ ނިޢުމަތުން ދިވެހި ރާއްޖެވަނީ ބޭރު ޤައުމުތަކުގެ ސަރަޙައްދީ ހަނގުރާމަތަކުން ހިމާޔަތް ކުރައްވާފައިކަން ފާހަގަކުރައްވައި ނައިބް ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި މިޤައުމުގެ ރައްޔިތުންގެ ފިކުރު ދިވެހިންގެ ދުވަސްވީ އަމިއްލަ ވިސްނުންތަކާ މުޅިން ތަފާތުވެ ބޭރު ޤައުމެއްގެ އާދަކާދަތަކާ ވިސްނުމާ އެއްގޮތަށް ބަދަލުވެގެން ދިޔުން ހިމެނޭ ކަމަށެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުން އަތުވެދާނެ އެކި އެކި ނުރައްކާތައް ހިމެނޭ ކަމަށާއި މިއިން ކޮންމެ ކަމަކީ ދިވެހިން އެކަންކަމަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަންކަން ކަމުގައި ނައިބް ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ.