މިމަހުގެ ހަ ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ތިން މެޗުން ބަލިވެ ރާއްޖެ ކަޓައިފިއެވެ.

އެ ތިން މެޗުގައި ރާއްޖެކޮޅަށް ވަނީ ޖުމްލަ 19 ގޯލު ޖަހައިފައެވެ. ނަމަވެސް ރާއްޖެއަށް އެއިން އެއްވެސް ޓީމެއް ކޮޅަށް އެންމެ ގޯލެއް ވެސް ނުޖެހެއެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެ ނިކުތީ ބަންގްލްދޭޝްއާ ދެކޮޅަށެވެ. މެޗުގައި ބަންގްލަދޭޝްގެ ޓީމުންވަނީ ވަރުގަދައަށްކުޅެ ދިވެހި ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިން ފެނުނީ ވަރަށް ވަރުބަލިކޮށެވެ. އެ މެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެގެންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ ކުޅެންޖެހުނީ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާއިން މުޅި މެޗު ކޮންޓްރޯލުކޮށްގެން ކުޅުނުއިރު، ރާއްޖޭގެ ޓީމުގެ ފަރާތުން އެ މެޗުގައި މާ އެދެވޭ ކުޅުމެއް ނުފެނެއެވެ. އެ މެޗުން ރާއްޖެ ބަލިވީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވި ރާއްޖެ ވަނީ މުބާރާތުން ކަޓައިފައެވެ.

ނަމަވެސް މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުގައިި އިއްޔެ ރާއްޖެ ކުޅެފައިވަނީ ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗު ޕާކިސްތާނުން ކާމިޔާބުކުރީ 7-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗަށް ނިކުތުމުގެ ކުރިން ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނަށް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.

އެ މުބާރާތް ރާއްޖެއިން ނިންމާލީ ހިތި ނަތީޖާއަކާއެކުއެވެ. ޓީމަށް ޕޮއިންޓެއް ނުލިބުނުއިރު ޓީމަށް މުބާރާތުގައި ގޯލެއް ވެސް ނުޖެހުނެއެވެ.