ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ދޭ އެލެވެންސް ބޮޑު ކޮށްގެން ދިގު މުއްދަތަކަށް އެކަން ދެމެހެއްޓޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ)އިން މިއަދު ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތެއްގެ ގޮތުގައި މިހާރު ލިބެނީ 2000 ރުފިޔާއެވެ.

ލ. ގަމުގައި ކުރިއަށްގެންދިޔަ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވެންސް ބޮޑު ކުރާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިހާރު ކުރަމުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވެންސް ބޮޑު ކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ބޮޑު ކުރާނީ ސީދާ ކިހާ ވަރެއް ކަމެއް ވިދާޅެއް ނުވެއެވެ.

އެކަމާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި އަޑު އުފުލާ ޖަމިއްޔާއެއް ކަމަށްވާ އެމްއޭޕީޑީގެ ޗެއާމަން އަހްމަދު މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ކޮންމެ ސަރުކާރަކަށް އެއް ވަރަކަށް އެލެވެންސް ދިނުމަކީ ދިގު މުއްދަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިތުރު ކޮށްދޭނަމޭ ވިދާޅުވިޔަސް ގަބޫލެއް ނުކުރެވޭ އެހާ ކެޕޭސިޓީ ހުރި ކަމަކަށް. އެއީ ކޮންމެ ސަރުކާރަކަށް އެއްވަރަކަށް އެކަން ނުކުރެވޭނެތީ. ދޭން ވިދާޅުވެވިދާނެ. ފެށިދާނެ. އެކަމަކު ސަސްޓެއިންއެއް ނުކުރެވޭނެ،" އަހްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވެންސް ބޮޑު ކުރުމަށްވުރެ އެ މީހުން ބާރުވެރިކުރުވަން މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.

އެކި މީހުން މާލީ ގޮތުން ދޭ އެ އެހީގެ ބޭނުން ކުރާނީ އެކި ގޮތަށް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެމީހުންނަށް ދޭ އެލަވެންސަށް އެކަނި ބަރޯސާވުން ކުޑަކޮށް، އެމީހުންނަށް ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ބާރުވެރިކުރުވުމުގެ މަސައްކަތް ކުރުން މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވެންސް ބޮޑު ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެމީހުންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ގާނޫނަށް އިސްލާހު ގެނައުމަށް 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްލާހެއް ހުށަހެޅުއްވިއެވެ.

ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ އޭރު އެކަމަށް ދެކޮޅުހަދާފައެވެ.