01 Apr 2012, 13:24
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ރޭ ކުޅުނު މެޗުތަކުން އެ ދެ ޓީމު މޮޅުވި އިރު ލަނޑު ލިސްޓުގައި ބާސެލޯނާގެ ލަޔޮނަލް މެސީ އަށްވުރެ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުރި ހޯދައިފި އެވެ.
އޮސަސޫނާ އަތުން 5-1 އިން ރޭގެ މެޗުގައި ރޮނާލްޑޯ ރެއާލްއަށް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު، އޭނާ މިހާތަނަށް ޖެހި ގޯލުގެ އަދަދު ވަނީ 37 އަރައިފަ އެވެ. އަދި އެތްލެޓިކް ބިލްބާއޯ އަތުނަ ބާސެލޯނާ ރޭ 2-0 އިން މޮޅުވި އިރު މެސީ ޖެހި ގޯލާއެކު ގޯލް ލިސްޓުގެ ދެ ވަނަ ލިބެނީ 36 ގޯލާއެކުގަ އެވެ. މި ލިސްޓުގެ ތިން ވަނާގައި ވަނީ 20 ގޯލް ކާމިޔާބުކޮށްދީފައިވާ ރެއާލްގެ ގޮންޒާލޯ ހިގުއައިން އެވެ. އޭނާ ވެސް ވަނި ރޭގެ މެޗުގައި ދެ ގޯލު ޖަހާފަ އެވެ. ރެއާލްގެ އަނެއް ގޯލު ޖެހީ ކަރީމް ބެންޒެމާ އެވެ. މި މެޗުގައި އޮސަސޫނާ އިން ރިއާލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ނިނޯއެވެ.
އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އަންދްރޭ އިނިއެސްޓާ ކާމިޔާބު ކުރި އިރު، ދެ ވަނަ ލަނޑު މެސީ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ރޭގެ މޮޅާއެކު ޓޭބަލްގެ އެއް ވަނައިގައި 78 ޕޮއިންޓާ އެކު ރެއާލް އޮތްއިރު ބާސެލޯނާ ދެ ވަނައިގައި އޮތީ 72 ޕޮއިންޓާ އެކު އެވެ.