14 Sep 2022, 09:45
ބޮލީވުޑްގައި މަސައްކަތްކުރާތާ އެތައް އަހަރެއްވެ، އިންޓަނޭޝަނަލް ތަރިއަކަށްވީ އިރުވެސް ޕްރިޔަންކާގެ 'އައިތުރާޒް' ފިލްމަކީ އޭނާގެ ކުރިއެރުމުގައި ފާހަގަކޮށްލެވޭ މޮޅު ފިލްމެކެވެ.
ޕްރިޔަންކާ އާއެކު މަސައްކަތްކުރި ޕްރޮޑިއުސަރު ސުނީލް ދަރްޝަން މި ފިލްމުގެ މަސައްކަތް ހަނދާން ކުރަމުން ބުނި ގޮތުގައި އެ ފިލްމުގެ ރޯލަށް ޕްރިޔަންކާ ކާސްޓުކުރުމާއެކު އޭނާ ރުއި ކަމަށެވެ. ދެހާސް ހަތަރުވަނަ އަހަރުގައި ނެރުނު މި ފިލްމަކީ ހޮލީވުޑް ފިލްމު 'ޑިސްކްލޯޝާ' އަށް ބިނާކޮށް އުފައްދާފައިވާ ލޯބީގެ ތަފާތު ފިލްމެކެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުގެ ގޮތުގައި މަސައްކަތް ކުރި ސުނީލް އާއި ސިދާތު ކަންނަން އެކުގައި ދިން އިންޓަވިއުއެއްގައި ބުނީ، އެންމެ ފުރަތަމަ އަކްޝޭ އާއި ޕްރިޔަންކާ ވެސް ތިބީ މި ފިލްމުގެ މަސައްކަތް ކުރާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން، އަކްޝޭއަށް ފައިސާގެ ދަތިކަން ދިމާވި ކަމަށާއި ޕްރިޔަންކާއަށް މި ފިލްމުގެ ރޯލާމެދު ހިތްހަމަ ނުޖެހުނު ކަމަށެވެ. އަދި އެ ދެތަރިން ވެސް އެއްބަސްވީ ވާހަކަދައްކައިގެން ކަމަށާއި، އެންމެ ފަހު ވަގުތު ފިލްމުގައި ދެ ތަރިން ދެއްކި އެކްޓިން އަކީ އެމީހުންގެ ކެރިއާގައިވެސް ފާހަގަކޮށްލެވޭ މޮޅު އެކްޓިން އެއް ކަމަށެވެ.
ސުނިލް ބުނި ގޮތުގައި، ޕްރިޔަންކާ އެ ފިލްމު ނުކުޅެން ރުއީ އޭނާ އަށް ދިން ރޯލުގެ ސަބަބުންނެވެ. އެ ފިލްމުގައި ޕްރިޔަންކާ ކުޅެފައިވަނީ، ފައިސާގެ ދަހިވެތިކަމުގައި އުޅޭ ޒީލަގަދަ އަންހެނެއްގެ ކެރެކްޓާއެވެ. ވިލަން އެއްގެ ކެރެކްޓާގައި މި ފިލްމުގައި ޕްރިޔަންކާ ތަފާތެވެ.
'އައިތުރާޒް'ގައި ޕްރިޔަންކާ ދައްކުވައިދިން އެކްޓިން އަކީ ޕްރިޔަންކާގެ ބްރޭކްތުރޫ އޭ ވެސް ބައެއް ޕްރޮޑިއުސަރުން ބުނެއެވެ. ޕްރިޔަންކާ ބުނާ ގޮތުގައި، އެއީ އޭނާގެ ކެރިއާގައި ދަސްކުރަން ލިބުނު އެންމެ ބޮޑު ޕްރޮޖެކްޓެވެ.
މި ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ އާއެކު އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު ޚާން އެކުގައި ފެނުނެވެ. ފިލްމަށް ބޮކްސް އޮފީހުގައި 260 މިލިއަން ރުޕީސް ލިބުނު އިރު، ބެސްޓް ވިލަންގެ ކެޓަގަރީ އިން މި ފިލްމަށް، ފިލްމްފެއާ އެވޯޑު ޕްރިޔަންކާ ހޯދިއެވެ.