14 Sep 2022, 09:37
ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލް އެކުގައި ފިލްމަކުން ނުފެނުނަސް އިޝްތިހާރަކުން ވަރަށް އަވަހަށް ފެންނާނެއެވެ.
މި ދެ ތަރިންގެ ގުޅުން އެނގުމާއެކު އަދި މިދިޔަ ޑިސެމްބަރުގައި ކައިވެނި ކުރުމާއެކު ގިނަ ބަޔަކު އުއްމީދުކޮށްގެންތިބީ އެކުގައި ފެންނާނެ ދުވަހަކަށެވެ. ފިލްމެއްގައިވެސް އެކުގައި މަސައްކަތް ނުކުރާ ކެޓްރީނާ އާއި ވިކީ ވަނީ އިޝްތިހާރެއް އެކުގައި ޝޫޓުކޮށްފައެވެ.
ވިކީ އާއި ކެޓްރީނާ ވަނީ ބްރޭންޑެއް އެންޑޯޒްކޮށް އެ ބްރޭންޑުގެ އިޝްތިހާރުގެ މަސައްކަތް ކޮށްފައެވެ. އިޝްތިހާރާ ގުޅޭ ފޮޓޯޝޫޓުގެ ފޮޓޯތައް އާންމުވެފައިވާއިރު އެ ދެ މީހުން ސްކްރީނުން އެކުގައި ފެންނާނެ އިރަކަށް ފޭނުން ތިބީ އިންތިޒާރުގައެވެ. ފޮޓޯތަކުން ފެންނަނީ ދެ ތަރިންވެސް ވެކޭޝަންއަކަށް ރީތިވެގެން ތިބިހެންނެވެ. ގިނަ ބަޔަކު މި ފޮޓޯތައް ޝެއާކޮށް، އޮން ސްކްރީނުގައި ވެސް މި ޖޯޑު ވަރަށް 'ކިއުޓް' ކަމަށް ބުނެ ފިލްމަކުން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށް ބުނެއެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ ދެ އަހަރު އެކުގައި އުޅުމަށްފަހު މިދިޔަ ޑިސެމްބަރު މަހުއެވެ. ރާޖަސްތާނުގައި ބޭއްވި ބޮޑު ކައިވެނީގެ ހަފްލާގައި ބައިވެރިކޮށްފައިވަނީ އާއިލާ މީހުންނާ ގާތްރައްޓެހިން އަދި ފިލްމު އިންޑަސްޓްރީގެ ބައެއް މީހުންނެވެ.
ދެ ތަރިން އެކުގައި ފިލްމަކުން ނުފެނުނު ކަމުގައިވިޔަސް، މި ތަރިންގެ ލޯބީގެ ވާހަކަ އެކި ޓޯކް ޝޯތަކުގައި ވަނީ ދައްކާފައެވެ. އެގޮތުން ވިކީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ކެޓްރީނާ އާ ގުޅުމަކީ ތަގުދީރު ކަމަށާއި، ބައެއް ފަހަރު އެއީ އަސްލު ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ.
އިޝްހިތާރުގެ އިތުރުން، މި ދެ ތަރިންވެސް ދަނީ ކުރިއަށްހުރި ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޭގްނާ ގުލްޒާރްގެ ފިލްމެއްގެ މަސައްކަތް ވިކީ ކުރަމުންދާއިރު ކެޓްރީނާގެ 'ފޯން ބޫތު' ވަރަށް އަވަހަށް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.