14 Sep 2022, 09:14
ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ބާސެލޯނާ އަނެއްކާ ވެސް ބަލިވެއްޖެއެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ބާސާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
އެއީ ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ބަޔާން އާއި ބާސާ ޗެމްޕިއަންސް ލީގުގައި ބައްދަލުކުރި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ތިން މެޗު ވެސް ބަޔާނުން ވަނީ ކާމިޔާބުކޮށްފައެވެ. ދެހާސް ވިހި ވަނަ އަހަރު 8-2ގެ ނަތީޖާއަކުން ބަޔާން މެޗު ކާމިޔާބުކުރިއިރު މިދިޔަ އަހަރު ކުޅުނު ދެ މެޗު ވެސް އެ ޓީމުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗު ގިނަ ވަގުތު ކޮންޓްރޯލްކޮށްގެން ބާސާއިން ކުޅެ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި ޕެޑްރީއަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ބަޔާންގެ ޑިފެންސް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ގޯލަށް ފޮނުވާލި ނަމަވެސް ބަޔާންގެ ކީޕަރު އެ ބޯޅަ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ ލިބި ބޭކާރުވެފައެެވެ. ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތީ ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމުނުއިރު މެޗުގެ 50 ވަނަ މިނެޓުގައި ބަޔާންއަށް ލިބުނު ކޯނަރެއްގައި ލޫކަސް ހަނާންޑޭޒް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.
މީގެއިތުރުން އޭގެ ހަތަރު މިނެޓު ފަހުން ޖަމާލް މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުންހިފައިގެން ލެރޯއި ސާނޭ ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ.
އެ ނަތީޖާއާއެކު ބަޔާން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ އެއްވަނައަށް ހަ ޕޮއިންޓާއެކު ވަނީ ޖެހިލައިފައެވެ. އަދި ދެވަނައިގައި ބާސެލޯނާ އޮތްއިރު އިންޓަ މިލާނަށް ތިން ޕޮއިންޓާއެކު ލިބެނީ ތިން ވަނައެވެ. ފުލުގައި ވިކްޓޯރީއާ ޕްލެޒެން އޮތީ ކުޅުނު ދެ މެޗުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.