01 Apr 2012, 13:12
އިންޓަ ސުކޫލް ބީޗް ވޮލީ މުބާރާތުގެ16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ލާލޭ އިންޓަނޭޝަނަލް ސްކޫލް ހޯދި އިރު 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ކަން ސީއެޗްއެސްއީ އިއްޔެ ހޯދައިފި އެވެ.
ހެންވޭރުކޮޅުހައި ހަދާފައިވާ ދޮންވެލިގަޑު ބީޗް ވޮލީ ކޯޓުގައި އިއްޔެ ކުޅުނު 16 އަހަރުން ދަށުގެ ބައިން ޗެމްޕިއަންކަން ލާލޭ ހޯދީ ފައިނަލުގައި ދަރުމަވަންތަ ސްކޫލް އަތުން ދެ ސެޓް އެއް ސެޓުން މޮޅުވެގެންނެވެ. މި ބައިގެ ތިން ވަނަ ހޯދީ މަޖީދިއްޔާ ސްކޫލެވެ.
އަދި 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ ހޯދީ ދެ ސެޓް އެއް ސެޓުން ގަލޮޅު މަދަރުސާ އަތުން މޮޅުވެގެންނެވެ. މި ބައިގެ ތިން ވަނަ ހޯދީ ދަރުމަވަންތަ ސްކޫލެވެ.
ދެ ޖިންސް ވަކިކޮށް، ކޮންމެ ޖިންސެއް ވެސް ދެ އުމުރު ފުރައަށް ބަހާލައިގެން ނުވަ ސުކޫލަކުން ޖުމްލަ 20 ޓީމް ވާދަކުރާ މިމުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ.
އެގޮތުން 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރާނީ ގަލޮޅު މަދަރުސާ އާއި ހިރިޔާ ސްކޫލެވެ. އަދި ނަވާރަ އަހަރުން ދަށުގެ ފައިނަލުގައި ބައްދަލުކުރާނީ ގަލޮޅު މަދަރުސާ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
މިމުބާރާތުގައި ބައިވެރިވި ނުވަ ސުކޫލަކީ، މަޖީއްދިއްޔާ ސުކޫލާއި ދަރުމަވަންތަ ސުކޫލާއި އަމީނިއްޔާ ސުކޫލާއި ހިރިޔާ ސުކޫލާއި މުހިއްދީން ސުކޫލާއި ގަލޮޅު މަދަރުސާ އާއި ވިލާ އިންޓަ ނޭޝަނަލް ހައި ސުކޫލާއި ސީއެޗްއެސްއީ އަދި ލާލޭ އިންޓަނޭޝަނަލް ސުކޫލެވެ.