13 Sep 2022, 22:11
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި ބޭރުގެ ދެ މަސްވެރި އުޅަނދެއް ޖޫރިމަނާކޮށްފިއެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދެ އުޅަނދުގެ މައްސަލަ ބެލުމަށްފަހު މަސްވެރިކަމުގެ ގާނޫނުގެ ދަށުން އުޅަނދުތަކުގެ ވެރިފަރާތްތައް ޖޫރިމަނާ ކޮށްފައިވާކަމަށެވެ.
އެގޮތުން ފުރަތަމަ ބޯޓު ޖޫރިމަނާކުރީ 600،000 ރުފިޔާއިންނެވެ. އެއީ ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމުން ކުރި 500،000 ރުފިޔާގެ ޖޫރިމަނާ އާއި ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ކުރި 100،000 ރުފިޔާގެ ޖޫރިމަނާއެވެ.
ދެވަނަ ބޯޓު ޖޫރިމަނާކުރީ 100،000 ރުފިޔާއިންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ވަނުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޖޫރިމަނާ ކުރުމުގެ ކުރިން ޖަވާބުދާރީ ވުމުގެ ފުރުސަތު ބޯޓުތަކަށް ދީފައިވާނެކަމަށެވެ.
"...ކަނޑައެޅިފައިވާ ޖޫރިމަނާ ފައިސާ ދެއްކުމުން އެ އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ވަނީ ދީފަ،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.