13 Sep 2022, 21:41
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
މި މަގާމް ހުސްވެފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި، މުޙައްމަދު ހަލީމް ވަކި ކުރުމަށް މަޖިލީހުން ފާސްކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި ބުއްދި ހަމަޖެހޭ، ސުންނަތް ޖަމާޢަތުގެ މުސްލިމެއްކަމުގައިވުމާއި އަދި އެންމެ ދަށްވެގެން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހެއްކަމުގައި ވާން ޖެހޭނެއެވެ.
ސާޖެންޓް އެޓް އާމްސްގެ އަސާސީ މުސާރައަކީ މަހަކު 32،000 ރުފިޔާއެވެ. އަދި އެހެނިހެން އިނާޔަތްތަކުގެ ތެރޭގައި ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 4،000 ރުފިޔާއާއި ފޯނު އެލަވަންސަށް ލިބޭ 1،000 ރުފިޔާގެ އިތުރުން ޕާލިމަންޓަރީ ސާވިސް އެލަވަންސަށް 6،400 ރުފިޔާ ލިބޭނެއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ސާޖަންޓް އެޓް އާމްްސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28ވާ ބުދަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެޓުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ސާޖެންޓު އެޓް އާމްސްގެ މައްޗަށެެވެ.
މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 2013 ވަނަ އަހަރުއެވެ.