13 Sep 2022, 20:49
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ރައީސް މިހެން ނިންމެވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީން މިކަމާގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ދެހާސްވިހިވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އަދި ދަނޑުވެރިކަމުގެ ދުވަހާއި ޖެހިގެން އަންނަ އެ މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުގައިވާތީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި ސަރުކާރުން ގެންދަވަނީ އެދުވަސް ވެސް ފާހަގަކުރަމުންނެވެ.
ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ދަނޑުވެރިކަމަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދީ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ދަނޑުވެރިކަމަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.