އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ ހިތްޕުޅުގެ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު ހިތްޕުޅު ބަދަލު ކުރެއްވި އިރު، އެ ހިތަކީ ކާކު ހަދިޔާ ކުރި ހިތެއްކަން ޚުދު ޗޭނީއަށް ވެސް އެނގިވަޑައި ނުގަންނަވާކަމަށްވެއެވެ. ޗޭނީ ވެސް ވިދާޅުވެފައިވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ހިތް ހަދިޔާ ކުރި ފަރާތަށް ޝުކުރުވެރިވާ ކަމަށެވެ.

ޗޭނީގެ ފަރާތުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޗޭނީއަކަށް ވެސް އަދި ޗޭނީގެ އާއިލާއަކަށް ވެސް އެ ހިތަކީ ކާކުގެ ހިތެއްކަން ނޭނގެއެވެ. މި ހަބަރާއެކު ވަރަށް ގިނަ ބައެއްގެ ހިތުގައި މިކަމާ މެދު ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ޗޭނީގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އަމިއްލަ ފުރާނައިން އަތް ދޮވެލި މީހަކު ޗޭނީ އާއި ޗޭނީގެ އާއިލާއަށް ނޭނގެންވީ ކީއްވެގެން ހެއްޔެވެ؟

ބައެއް މީހުން ބުނާ ގޮތުގައި ފަގީރު މީހަކު އޭނާގެ އާއިލާގެ ކުރިމަގަށް ޓަކައި ފައިސާ ހޯދުމުގެ ގޮތުން ބޮޑު އަގުގައި ޗޭނީއަށް ހިތް ވިއްކާލީއެވެ. އެހެން ނަމަވެސް ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ހިތަކީ އަފްޣާނިސްތާނުގެ މީހެއްގެ ހިތެވެ. އެހެން ކަމުން މިފަދަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެއީ ހަދިޔާ ކުރެވުނު ހިތެއް ނޫނެވެ. އެއީ ފޭރިގަތް ހިތެކެވެ.

ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޗޭނީއަކީ ޓެރަރިޒަމް ނުވަތަ އިރުހާބިއްޔަތާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން އަފްޣާނިސްތާނުގައި ފެށި ހަނގުރާމައިގެ ކަންތައް ވިލަރެސް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ.

އުމުރުން އެންމެ 37 އަހަރުގައި 1978 ގައި ހާޓްއެޓޭކެއް ޖެހި، 1988 ގައި ހިތުގެ ބައިޕާސްއެއް ހަދައިފައިވާ ޗޭނީ 2001 ވަނަ އަހަރުން ފެށިގެން އުޅުއްވީ ޕޭސްމޭކަރުގެ އެހީގައެވެ. -- އޭއެންއެސް