މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަކީ ބާސާގެ ރޮބާޓް ލެވަންޑޯސްކީއަށް ހާއްސަ މެޗެއްކަމަށާއި، ލެވަންޑޯސްކީ ކަހަލަ މޮޅު ކުޅުންތެރިއެއް ޓީމުގައި ހުރުމަކީ ނަސީބެއްކަމަށް ބަސާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި މިރޭ ބަޔާންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްމުން ޒަވީ ބުނީ ލެވަންޑޯސްކީއަކީ ކިތަންމެހައި ވެސް މޮޅު ކުޅުންތެރިއެއްކަމަށެވެ.

"ރޮބާޓް ވަރަށް މޮޅު. އޭނާއަކީ މަޑުމައިތިރި ހަމަޖެހިގެން ހުންނަ ފޯވާޑެއް. އަނެއްކާ އޭނާއަކީ ޓީމުގައި ލީޑަރެއް. އޭނާ ހުރީ މެޗަށް ވަރަށް ރެޑީގައި،" ޒަވީ ބުންޏެވެ.

ޒަވީ ބުނީ މިރޭގެ މެޗަށް ނިކުންނައިރު ޓީމުގައި ލެވަންޑޯސްކީ ހުރުމުން ހިތްހަމަޖެހޭކަމަށެވެ. އެހެންނަމަވެސް ޓީމުގަައި އޭނާގެ އިތުރުން ނުރައްކާތެރި އިތުރު ފޯވާޑުން ވެސް އެބަތިބިކަމަށް ޒަވީ ބުންޏެވެ.

"ހަމައެކަނި ރޮބާޓްއެއް ނޫން. ފޯވާޑުންނާއި، މިޑްފީލްޑަރުން ވެސް އެބަތިބި. ގޯލަށް ނުރައްކާކުރުމުގައި އިތުރު ހަތިޔާރުތައް ވެސް އެބަހުރި،" ޒަވީ ބުންޏެވެ.

މިރޭ ބާސާ ބަޔާނާ ދެކޮޅަށް ނިކުންނައިރު އެ ދެ ޓީމު ވަނީ 13 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެތެރެއިން ބާސާއަށް ކާމިޔާބުލިބިފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި ނުވަ މެޗުން ބަޔާން މޮޅުވެފައިވާއިރު، ދެ މެޗެއް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެގޮތުން ބަޔާނުން ބާސާއާ ދެކޮޅަށް 13 މެޗުގައި 32 ގޯލު ވަނީ ޖަހައިފައެވެ. އަދި ބާސާއަށް ޖެހިފައިވަނީ 16 ގޯލެވެ.

ދެހާސް ވިހި ވަނަ އަހަރު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމު ވަނީ 8-2ގެ ފަރަގު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދިޔަ ސީޒަނުގެ ގްރޫޕް ސްޓޭޖުގައި ބަޔާންއާއެކު އެއް ގްރޫޕެއްގައި ހިމެނި ދެ ލެގުގައި ވެސް ބަލިވެ އެ ޓީމު ވަނީ ޔޫރޮޕާ ލީގަށް ގޮސްފައެވެ.