މާލޭގައި ފައިސާ ދީގެން އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުރި ފާޚާނާ ބަރިތައް ބަންދުކުރަން މިއަދު ފަށައިފިއެވެ.

މާލޭގެ ހަތަރު ސަރަހައްދަކުން ޕޭ ޓޮއިލެޓް ހިންގުމަށް ޖާގަ ދޫކޮށްފައިވާއިރު އެތަންތަން އެކަށީގެންވާ ގޮތަށް ނުބެލެހެއްޓޭ މައްސަލަ ބޮޑެވެ. އެކަން ސަމާލު ކަމަށް ގެނައުމަށް "ސަން" އިން ވާނީ މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓެއްވެސް ގެނެސްދީފައެވެ.

މާލެ ސިޓީ ކައުންސިލުގެ މެމްބަރު އާދަމް ރަމީޒް މިއަދު "ސަން"އަށް ވިދާޅުވީ މާލޭގައި ހުރި ހުރިހާ ޕޭ ޓޮއިލެޓްތަކެއް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ފެށީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ތާސީރު ކެފޭއިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވާނީ މިއަދު ހަތަރެއް ޖެހުމާ ހަމައަށް އެމީހުންނަށް މުހުލަތެއް ދީފަ އެތަން ހުސްކުރަން،" ރަމީޒް ވިދާޅުވިއެވެ.

އެ ތަންތަން ބަންދުކުރާ ވަކި ސަބަބެއް އަދި ސިޓީ ކައުންސިލުން ބުނެފައެއް ނުވެއެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ޕޭ ޓޮއިލެޓުތައް ގާއިމުކުރުމަށް އަމިއްލަ ކުންފުންޏަކާ އޭރުގެ ސިޓީ ކައުންސިލުން ހަވާލުކުރީ މީގެ 11 އަހަރު ކުރިން، 2010ވަނަ އަހަރުއެވެ.

އެ އެއްބަސްވުމުގެ ދަށުން ފާޚާނާ ބަރިތައް ހެދި ސަރަހައްދުތަކަކީ ބާޒާރު މައްޗާއި އެމްއެމްއޭ ފުރަގަހާއި އައިފާން ބިލްޑިން ގޯޅީގައި ހުންނަ ބޯފޮޅި ކެފޭގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ތާސީރު ކެފޭއެވެ. އެތަންތަނުގައި ކެފޭތައް ހިންގި ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް ފާހާނާތައް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ ބޮޑެވެ.

އޭގެ ތެރެއިން ބާޒާރުމަތީގައި ހުރި ފާޚާނާ ބަރި މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ބަންދުކޮށްފައެވެ.

ބާކީ ހުރި ތިން ފާޚާނާ ބަރިއަކީ ވެސް އެންމެ ރަނގަޅަށް ބެލެހެއްޓެމުން ދާ ތަންތަން ނޫންކަން "ސަން"އިން ބެލުމުން އެނގިފައިވެއެވެ.

އެގޮތުން މިއަދު ބަންދު ކުރި ބޮޑުތަކުރުފާނުމަގުގައި ހުރި ތާސީރު ކެފޭގެ ފާޚާނާ ބަރިތަކުގެ ބައެއް ފާޚާނާ ތަށިތަކާއި، ޝަވަރުތައް ހަލާކުވެފައި ހުރިއިރު، ތަޅުންގަނޑުން ބައެއް މުށިގަނޑުގަނޑު ހުރީ ނެއްޓިފައެވެ.

ހުރިހާ ސްވިޗު ބޯޑަކަށް ކޮންމެ ވެސް ސަބަބަކާ ހުރެ ހުރީ ޕްލާސްޓިކު ކޮތަޅު ލައްވާފައެވެ. އެތަން ބަލަހައްޓަން ހުރި ބިދޭސީ މީހާ ބުނި ގޮތުގައި ތަނުގެ މަރާމާތެއް މިހާރު ކުރިއަށް އެބަދެއެވެ.

ދެން ހުރި ދެ ފާޚާނާ ބަރީގެ ހާލަތު އެއަށް ވުރެ ރަނގަޅު ނަމަވެސް އެތަންތަނުގެ ވެސް ސާފުތާހިރުކަން ކުޑައެވެ. އަދި ބަހައްޓާފައި ހުރި ޑަސްބިން ތަކުން ފެނުނު ސިނގިރޭޓް ފޮށިތަކާއި، ފޮއިލްކޮޅުތަކުން އެނގިފައިވަނީ އެ ތަންތަން މަސްތުގެ އައްޑާތަކަކަށް ވެފައިވާކަމެވެ.