13 Sep 2022, 13:32
މިދިޔަ ބުރާސްފަތި ދުވަހު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ގެ ޖަނާޒާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރާނީ އަވަހާރަވީ ސްކޮޓްލެންޑުގައި ހުންނަ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ސިއްޙީ ހާލުކޮޅު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ޞާލިޙަށް ވަނީ ދައުވަތު އަރުވާފައިވާ ކަމަށެވެ. އަދި ޖަނާޒާއަށް ވަޑައިގަތުމަށް ރައީސް މިހާރު ނިންމާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
އެ ޖަނާޒާ އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮންދުވަހުކު ކަމެއް މިއުވާން ވިދާޅެއްނުވެއެވެ.
ރާނީ އިނގިރޭސީންގެ ތަހުތަށް އިސްވީ 1952 ވަނަ އަހަރުއެވެ. އެއީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް (ހަ ވަނަ) އަވަހާރަވުމުންނެވެ. އެލިޒަބަތުގެ މާމާފުޅަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ރާނީ ވިކްޓޯރިޔާ އެވެ.
އެލިޒަބަތު އަވަހާރަވީ ރާނީގެ މަގާމުގައި ހުންނަވާތާ 70 އަހަރު ފުރުނު ފަހުންނެވެ. އެހާ ދިގުމުއްދަތަކަށް އެއްވެސް ބޭފުޅަކު އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚްތުގައި ރެދަލިކުރައްވާފައެއް ނުވެއެވެ.
ރާނީގެ ޖަނާޒާއަށް ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިން ހާޒިރުވެ ވަޑައިގަންނަވާނެއެވެ. އެލިޒަބަތު އަވަހާރަވުމާއެކު އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްވަނީ ރަސްކަމަށް އިސްކޮށްފައެވެ.