މީގެ ދެ އަހަރު ކުރިން ބާސެލޯނާއާއި ބަޔާންމިއުނިކްގެ ކުރިމަތިލުން އެކަކު ވެސް ހަނދާން ނުނެތޭނެއެވެ. ބާސާގެ ސަޕޯޓަރުންގެ ލޯތަކުން ކަރުނަ ފޭއްދާލުމަށް ފަހު ބާޔާނުން ބާސާގެ ގޯލަށް އޮއްސާލީ ލަނޑު ގޯންޏެކެވެ.

ބަޔާންއާއި ބާސާގެ އެ ކުރިމަތިލުން އެ އަހަރު ނިމުނީ 8-2 ގެ ތާރީހާ ނަތީޖާއަކުން ބާސާ ބަލިވެގެންނެވެ.

އޭގެ ފަހުން ބާސާގެ ހާލަތަށް އައީ ތަފާތު ބަދަލެކެވެ. އޭރު ބާސާގެ ކޯޗުގެ މަގާމުގައިހުރި ކީކޭ ސެޓިއެން މަގާމުން ބޭރުކުރީ މަގާމު ހަވާލުކުރިތާ ހަތް މަސް ތެރޭގައެވެ. އަދި އޭރު ނެދަލެންޑްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ބާސާގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަންއާ މަގާމު ހަވާލުކުރިއެވެ.

ކޫމަން އާ ބާސާ ހަވާލުވެ އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން އެ ޓީމު މޮޅުވި ނަމަވެސް ދެން އެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ދެ މެޗުންނެވެ. އަދި އެ ޓީމު ކުޅުނު 38 މެޗުގެ ތެރެއިން ލިބުނު 24 މޮޅާއެކު އެ ޓީމަށް ސީޒަން ނިންމާލަން ޖެހުނީ ތާވަލުގެ ތިން ވަނައިގައި އޮވެއެވެ.

އުންމީދާއެކު އާ ސީޒަނަށް ކުރިމަތިލި ނަމަވެސް ސީޒަން ފެށުމުގެ ކުރިން ދިމާވީ މާ ހިތްދަތި ކަމަކާއެވެ. އެ ޓީމަށް ކުޅެމުންއަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ޓީމު ދޫކޮށްލީއެވެ.

8-2 އިން ބަޔާން ބާސާ ބަލިކުރި މެޗުގެ ތެރެއިން---

ސަޕޯޓަރުން އެ ހިތާމައިގައި ތިއްބާ ލީގު ވެސް ފެށިއްޖެއެވެ. ލީގުގެ ފުރަތަމަ މެޗުގައި ވެސް ބާސާއާ ކުރިމަތިލާން ޖެހުނީ ބައްޔަކާއެވެ. ލީގުގެ 11 މެޗުގެ ކުޅުން ނިމުނުއިރު ބާސާއަށް ލިބުނީ 16 ޕޮއިންޓެވެ. އެއާއެކު ބާސާ އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

ކޫމަންގެ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ މަގާމުން ދުރުކޮށް އެ މަގާމަށް ބާސާގެ ލެޖެންޑު ޒަވީ ހަނާންޑޭޒް ގެނެސް ޓީމު ވެއްޓިފައިވާ އަޑިގަޑުން އަރައިގަންނަން މަސައްކަތްތަކެއް ކުރަން ފެށިއެވެ. ޒަވީއާ ހަވާލުވިއިރު ޗެމްޕިއަންސް ލީގުގައި ބާސާ ބަޔާން އަތުން އަނެއްކާ ބަލިވެ ޔޯރޮޕާ ލީގަށް ވަނީ ގޮސްފައެވެ. ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބާސާއަށް މުޅިން އަލަށް ޔޫރޮޕާ ކުޅެން ޖެހުނީއެވެ.

ޒަވީއާއެކު ނިމިދިޔަ ސީޒަން ބާސާ ތާވަލުގެ ދެ ވަނައިގައި ނިންމާލި އިރު މި ސީޒަނުގައި އެ ޓީމުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަލީގާގެ ދެވަނައިގައި ދެ ޕޮއިންޓުގެ ތަފާތުން އެ ޓީމު އޮތްއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ އެއްވަނައިގައި ވެސް އޮތީ ބާސާއެވެ.

ނިމިދިޔަ ދެ ސީޒަންގައި ބާސާގެ ސަޕޯޓަރުން ކިތަންމެ މާޔޫސްވެފައި ތިބި ނަމަވެސް މިއަދު އެ ސަޕޯޓަރުންނަށް ވަނީ ބަހާރު މޫސުން އައިސްފައެވެ.

ޔޫރަޕްގެ ގަދަ ޓީމުތައް ޖެހިލުންވާވަރުގެ ގަދަ ޓީމަކާއެކު މިރޭ ބާސާ ނިކުންނަނީ ފައިނަލަކަށެވެ. ފެންވަރު ވަޒަންކޮށްލަން ލިބޭ ރަނގަޅު އިމްތިހާނަކަށެވެ.

ބާސެލޯނާގެ ކޯޗު ކަމާ ޒަވީ ހަވާލުވަނީ---

އެ އިމްތިހާނުގެ ކުރިން ބާސާގެ ކޯޗު ޒަވީ ހާނާންޑޭޒް ބުނީ ފަހުގެ ތާރީހެއްގައި ބާސާއަށް ބަޔާން އަތުން މޮޅެއް ނުލިބޭކަމަށެވެ. ފުޓުބޯޅައަކީ މޮޅުވުމާއި ބަލިވުން އޮންނަ ކަމަކަށްވާއިރު މިހާރު ބާސާގައި ބަޔާން ބަލިކުރެވޭނެ ފެންވަރު އެބަހުރިކަމަށް އޭނާ ބުންޏެވެ.

ބަޔާނުން ޗެމްޕިއަންސް ލީގު ފެށީ މޮޅަކުންކަމަށާއި، ވަރުގަދަ ޓީމެއް އެބައޮތްކަމަށް ޒަވީ ބުންޏެވެ. އޭނާ ބުނީ ދެ ޓީމަކީ ވެސް ވާދަވެރި ދެ ޓީމުކަމުން މޮޅުވާން ދެ ޓީމުން ވެސް ބޭނުންވާނެ ކަމަށެވެ.

އެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ބާޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ބާސާއަކީ މިހާރު ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ އުންމީދު ކުރަނީ އެ މެޗަކީ ވަރުގަދަ މެޗަކަށް ވާނެ ކަމަށެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވެސް ބާސާ ހިމެނުނީ ބަޔާންއާ އެއް ގްރޫޕެއްގައެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ބަޔާންގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ އިޓަލީގެ އިންޓަމިލާންގެ އިތުރުން ޗެކްރިޕަބްލިކްގެ ވިކްޓޯރިއާއެވެ.

2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ބާސާ އަދި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ސްކައި ސްޕޯޓްސް

މި ސީޒަނަށް ބާސާއިން ވަނީ ވަރުގަދަ ޓީމެއް ބިނާކޮށްފައެވެ. އެގޮތުން ބަޔާންގެ "ގޯލް މެޝިން"، ރޮބާޓް ލެވެންޑޯސްކީ ވަނީ އެ ޓީމަށް ގެނެސްފައެވެ. އަދި ލީޑްސްއަށް ކުޅެމުންއައި ހަލުވި ކުޅުންތެރިޔާ، ރަފީނިޔާ ވެސް ބާސާއަށް ގެނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ޖޫލުސް ކުންޑޭގެ އިތުރުން، ޗެލްސީގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސެން ވެސް މި ސީޒަންގައި ބާސާއާ ގުޅުނެވެ.

އެ ކުޅުންތެރިންނާއެކު ޓީމު ރަނގަޅު ފާލަކަށް އެޅިފައިވާއިރު ބާސާގެ ސަޕޯޓަރުން މިރޭ މެޗުގެ ކުރިން ތިބީ ބަޔާންއަތުން މޮޅުވެ އެ ޓީމުން ބަދަލު ހިފުމުގެ އުންމީދުގައެވެ.

ތާރީހަށް ބަލާއިރު ބާސެލޯނާއާއި ބަޔާން ވަނީ 13 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެތެރެއިން ބާސާއަށް ކާމިޔާބުލިބިފައިވަނީ އެންމެ ދެ މެޗުންނެވެ. އަދި ނުވަ މެޗުން ބަޔާން މޮޅުވެފައިވާއިރު، ދެ މެޗެއް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެގޮތުން ބަޔާނުން ބާސެލޯނާކޮޅަށް 13 މެޗުގައި 32 ގޯލު ވަނީ ޖަހައިފައެވެ. އަދި ބާސާއަށް ޖެހިފައިވަނީ 16 ގޯލެވެ.