13 Sep 2022, 12:12
ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނާއި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ބޯހިމެނުމުގެ މަސައްކަތް ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު ފަށައިފިއެވެ.
ބޯހިމެނުގެ މަސައްކަތުގެ ތެރެއިން އެއްކުރާނެ މައުލޫމާތުގެ ތެރޭގައި ކޮންމެ ރަށެއްގައި ދިރިއުޅޭ ދިވެހީންނާއި ބިދޭސީންގެ އަދަދާއި އާބާދީ އިތުރުވާ މިންވަރާއި އުމުރުފުރާތަކަށް އަންނަ ބަދަލާއި މީހުން ހިޖުރަ ކުރާ މިންވަރާއި މަސައްކަތު އާބާދީ ހިމެނެއެވެ. އަދި އެ ސާވޭގެ ތެރެއިން، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ވެސް ދެނެގަންނާނެއެވެ.
އެ މަސައްކަތުގެ ތެރެއިން މިއަދާއި މާދަމާ ކުރިއަށް ގެންދާނީ ބޯހިމެނުމުގެ ލިސްޓިންގެ މަސައްކަތެވެ. އެގޮތުން މީހުން ދިރިއުޅޭ ގޭގޭގައި ހުރި ކޮޓަރީގެ އަދަދާއި ދިރިއުޅޭ މީހުންގެ ލިސްޓު ނަގާނެއެވެ. އަދި މަސައްކަތް ހިންގާ ތަނެއް ނަމަ މަސައްކަތް ކުރާ މީހުންގެ އަދަދު ނަގާނެއެވެ. އެކަންކަމާ ބެހޭ ތަފްސީލީ މައުލޫމާތު ނަގާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 25ގެ ނިޔަލަށެވެ.
ބޯހިމެނުމުގެ މަސައްކަތަށް ބޭނުންކުރަން ހަމަޖެހިފައި ވަނީ ދަރުބާރުގެއެވެ. އަދި މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދަރުބާރުގެއަށް ވަޑައިގެން، ވަނީ އެ މަސައްކަތުގައި ބައިވެރިވާ މީހުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ބޯހިމެނުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން ބޯހިމަނައިގެން ލިބޭ މައުލޫމާތު ރާއްޖޭގެ ހާލަތު ދެނެގަތުމަށާއި ކުރިއަށް އޮތް ތަނުގައި ތަރައްގީގެ މަޝްރޫއުތައް ރޭވުމަށް ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ބޭފުޅުން ވެސް މިއީ ގައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގެން މިކަމުގައި އެއްބާރުލުން ދެއްވުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.