ހަނދުވަރުގެ އުފުލަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ގާތުގައި އޮންނަ ރީތި ކަމެކެވެ. ނަމަވެސް ދިރިއުޅުމަށް އައި ބަދަލުތަކާއެކު ހަނދުވަރު މަތީގައި ހޭދަ ކުރުމަށް ވުރެ ބޮޑަށް ދިވެހިންގެ ވަގުތުތައް ހުސްވެފައި ވަނީ ބޮކީގެ އައްޔަށެވެ. މާޒީ ހަނދާންކޮށްލަން އަދި އެކުވެރިކަމާ އެއްބައިވަންތަކަން ގެނައުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވަނީ ހިޔާލެއް ފާޅު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވަނީ މަހަކު އެއް ފަހަރު، ވަގުތުކޮޅަކަށް ކަރަންޓް ކަނޑާލައި ހަނދުވަރުމަތީގައި ކެއުމަކަށް އިންސާފު ކުރުން ކިހެނެއްވާނެ ހެއްޔޭ އެވެ؟

ރައީސްގެ ލާމް ދަތުރުފުޅުގައި ރޭ ވެރިރަށް ފޮނަދޫގައި ހުންނަވާ އާތުއަވާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި، އަހަރަކު އެއްފަހަރު އާތު އަވާ ފާހަގަ ކުރަނީ ބިން ސަލާމަތް ކުރުމަށް ކުރާ ކަމެއް ކަމަށް އިޝާރާތް ކުރެއްވުމަށްފަހު ހިޔާލު ދެއްވެވީ މަހަކު އެއްފަހަރު ހަނދުވަރުމައްޗަށް ނުކުމެ އުއްބަތީގެ އަލީގައި ކެއުމަކަށް އިންސާފު ކުރުމާމެދު އެވެ.

"މިރޭ އަށްގަޑިބައިން ނުވަގަޑި ބަޔަށް އަޅުގަނޑުމެން އެންމެން ކަރަންޓް ކަނޑާލީމު، އެވީ ގަޑިއެއްގެއިރުގެ ތެރޭގައި، އަޅުގަނޑުމެން ފުޅިބައްތިއާއި އުއްބައްތި ދިއްލައިގެން ކާން ތިބިއިރުގައި، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން [އަޅުގަނޑުގާތުގައި] ވިދާޅުވި، މިއީ މަހަކު އެއްފަހަރު ނުކުރާވަރު ކަމެއް ނޫނޭ،!" ރައީސް ވިދާޅުވި އެވެ. " މިރޭ ކަން ދިމާވި ގޮތުންވީ ވަރަށް ރީތިކޮށް ހަނދުވަރުވެސްދޭ ރެއަކަށް. އެހެންވީމަ ކިހިނެއްތޯވާނީ ކޮންމެ މަހަކުވެސް ހަނދުވަރުދޭއިރުގައި، ހަމަ ވަގުތުކޮޅެއްގައި އުއްބައްތި ދިއްލައިގެން ކާލުން. ދެން އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، [ކޮންމެހެން] އެހެން ހައްދަވާށެކޭ ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓާ ދޭތެރޭގައިވެސް ވިސްނަން،"

ހަނދުވަރު މޫސުމުގައި އެންމެން އެކުވެ ހަނދުވަރުގެ އަލީގެ ތެެރެއަށް ނުކުމެ އުފާ ކުރުމާއި ކެއުމަށް އިންސާފު ކުރުމަކީ ދިވެހިންގެ މާޒީގައި އެކި ރަށްރަށުގައި އެކި ގޮތް ގޮތަށް ކޮށް އުޅުނު އެކަމަކު މިހާރު ބީރައްޓެހިވެފައިވާ އާދައެކެވެ.
އާތުއަވާ ފާހަގަކުރުމަށް ރޭ ހިނގި އެއްގަޑިއިރުގެ ޕްރޮގްރާމްގައި މާލޭގައި ކަރަންޓް ބޭނުންކުރި މިންވަރު ހަތަރު މެގަވޮޓް ދަށްވި ކަމަށް ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.