13 Sep 2022, 11:23
ރާނީ އެލިޒަބެތު ދެވަނަ އަވަހާރަވުމުން ހިތާމައިގައި ތިބި އޮސްޓްރޭލިއާގެ ސިޑްނީގެ ރައްޔިތުންނަށް ލިބޭ ތަސައްލީއެއް އެބައޮތެވެ. އެއީ ސިޑްނީގެ ރައްޔިތުންނަށް އެކަމަނާ ލިޔުއްވާފައިވާ، ނަމަވެސް އަދި ނުހުޅުވާ އޮތް ސިޓީފުޅެއް އޮތް ކަމެވެ.
އޮސްޓްރޭލިއާގެ ސެވަންނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުން 1986 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާނީ ސިޑްނީގެ ރައްޔިތުންނަށް ލިޔުއްވި ސިޓީފުޅެއް ސިޑްނީގެ ތާރީޚީ އިމާރާތެއްގެ އަލަމާރިއެއްގައި ތަޅުލާ ރައްކާކޮށްފައި އޮވެއެވެ.
އެ ސިޓީފުޅުގައި ރާނީ ލިޔުއްވާފައި ވަނީ ކޮން ވާހަކަފުޅެއް ކަމެއް އެކަމަނާއާ އެންމެ ގާތް މުވައްޒަފުންނަށް ވެސް ނޭނގޭ ކަމަށް އެ ނޫހުން ރިޕޯޓުކުރިއެވެ. ނަމަވެސް އެ ސިޓީފުޅު ހުޅުވުމާ ބެހޭ އިރުޝާދު އޭގެ ބޭރުގައި ލިޔެފައިވެއެވެ.
"ދެހާސް އަށްޑިހަފަސް ވަނަ އަހަރު، ސިޑްނީގެ ލޯޑް މޭޔާ ޚިޔާރު ކުރައްވާ ދުވަހެއްގައި މި ސިޓީ ހުޅުވައި، ސިޑްނީގެ ރައްޔިތުންނަށް އަޅުގަނޑުގެ މެސެޖު ފޯރުކޮށްދެއްވުން އެދެން،" ރާނީ ލިޔުއްވާފައިވެއެވެ.
އިނގިރޭސިވިލާތުގައި ރަސްކަން ނުވަތަ ރަނިކަން ކުރައްވާ ބޭފުޅަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ބަލައިގަންނަ 14 ގައުމެއް މިހާރު ވެސް އޮންނަ އިރު އޭގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެއެވެ. ނަމަވެސް އެގައުމު އިނގިރޭސި ރަސްކަމުގެ ތާޖުން ވަކިކޮށް، މިނިވަން މުސްތަގިއްލު ޖުމްހޫރިއްޔަތަކަށް ހެދުމަށް އޮސްޓްރޭލިއާގެ ބައެއް ރައްޔިތުން ތާއީދުކުރެއެވެ.
އޭގެ ސަބަބުން، އޮސްޓްރޭލިއާގެ ގާނޫނު އަސާސީ ބަދަލުކުރުމާ ބެހޭ ގޮތުން 1999ގައި ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. ނަމަވެސް އެ ވޯޓުގައި ގިނަ ބަޔަކު ތާއިދު ކުރީ ދައުލަތުގެ އިސް ވެރިޔާއަކީ ރާނީ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ބަދަލުނުގެނައުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރާނީ އަވަހާރަވުމުން ރަސްކަމަށް އިސްވެވަޑައިގަތީ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. އެހެންކަމުން މިދިޔަ އާދިއްތަ ދުވަހު އޮސްޓްރޭލިއާއިން ވެސް ވަނީ މިހާރު ދައުލަތުގެ އެންމެ އިސް ވެރިޔާއަކީ ރަސްގެފާނު ޗާލްސް (ތިން ވަނަ)ކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.