13 Sep 2022, 09:35
ލީ ޖުންގްޖައެއަށް އެމީ އެވޯޑެއް ލިބި ތާރީހުގައި ލިޔެވިއްޖެއެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފަށައިގެން ކުރިއަށްދާ އެމީ އެވޯޑްސްގެ 'އައުޓްސްޓޭންޑިންގް ލީޑް އެކްޓާ އިން އަ ޑްރާމާ ސީރީޒް'ގެ އެވޯޑް ލިބުނީ މަގުބޫލު ސީރީޒް ސްކުއިޑް ގޭމްގެ ތަރި ލީ ޖުންގް-ޖައެ އަށެވެ. މި އެވޯޑު އިނގިރޭސިން ވާހަކަ ނުދައްކާ ރޯލަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
އެވޯޑާއެކު، އޭނާ ބުނެފައިވަނީ މި ސީރީޒް އަކީ މޮޅު ސްކްރިޕްޓަކަށް ބިނާކޮށް އުފެއްދުންތެރިގޮޮތެއްގައި ދައްކުވައިދިން އަސްލާ އެއްގޮތް ދިރިއުޅުމުގެ މަައްސަލަތައް ހިމެނޭ ފުރިހަމަ ސީރީޒްއެއްކަމަށެވެ. އަދި، ސްކުއިޑް ގޭމް އުފެއްދި ވަންގް ޑޮންގް ޔުކްއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ސްކުއިޑް ގޭމް ވަނީ އެމީ އެވޯޑުގައި، އައުޓްސްޓޭންޑިންްގ ޑްރާމާގެ އެވޯޑަށް ވެސް ނޮމިނޭޓްވެފައެވެ. މިއީވެސް އިނގިރޭސިން ވާހަކަ ނުދައްކާ ސީރީޒްއެއް އެމީ އެވޯޑުގެ މި ކެޓަގަރީއިން ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.
ކޮރެއާގެ ފިލްމު ޑައިރެކްޓަރު މި ނޮމިނޭޝަން އާ ގުޅިގެން ޖުލައި މަހު ދިން އިންޓަވިއުއެއްގައި ބުނީ، މިއީ ކުރިއެރުމެއް ކަމަށާއި، އެމެރިކާގެ އުފެއްދުންތަކުގެ އިތުރުން އެހެން ގައުމުތަކުގެ އުފެއްދުންތައް ދުނިޔެ ބަލައިގެންފި ކަމަށެވެ. އަދި، ދުނިޔޭގެ އެހެން ގައުމުތަކުން އުފައްދާ ފިލްމާއި ސީރީޒް ގިނަ ބަޔަކަށް ކަމުގޮސް އެއަށް މާކެޓްވެސް ލިބޭކަމީ އުފާ ފާޅުކުރަންޖެހޭ ކަމެއް ކަމަށެވެ.
މި ސީރީޒްއަށް މި އަހަރުގެ އެމީ އެވޯޑްސްގައި ވަނީ ފަސް ކެޓަގަރީއަކުން ނޮމިނޭޓްވެފައެވެ. އެގޮތުން، ލީޑް އެކްޓަރ އާއި އައުޓްސްޓޭންޑިން ޑްރާމާގެ އިތުރުން ސަޕޯޓިން އެކްޓާ އާއި އެކްޓްރެސް ހިމެނެއެވެ. މިއީ ނެޓްފްލިކްސްގެ އެތައް ރެކޯޑެއް މުގުރާލި ބްލޮކްބަސްޓާ ސީރީޒްއެކެވެ. މި ސީރީޒް ވަނީ ދެވަނަ ސީޒަނެއް އޮންނާނެ ކަމުގެ ފެހި ސިގްނަލް ދީފައެވެ.