އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ލިބުމަކީ ރާއްޖެއަށާއި ރާއްޖޭގެ ޚާރިޖިއްޔާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާންމު މަޖިލީހުގެ ރައީސް ކަމުގެ ދައުރު ހަމަވެގެން މަގާމުން ވަކިވުމުގެ ކުރިން މިއަދު ދެއްވި ވަދާއީ ތަގުރީރުގައި ޝާހިދު ވަނީ މަގާމުގައި ދެމިހުރުމަށާއި ހޯއްދެވި ކާމިތާބީތަކަށް ވާސިލްވުމަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އދ.ގެ ރިޔާސަތު ތަމްސީލްކުރަން، އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި އިތުބާރަށް ޚާއްސަ ޝުކުރެއް ޝާހިދު އަދާކުރެއްވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވިއިރު ކާމިޔާބުކަމާއެކު ކުރެއްވި ބައެއް ކަންކަން ވަދާއީ ތަގުރީރުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދު ފާހަގަކުރެއްވި މުހިންމު ކާމިޔާބީތައް

  • ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުން
  • ފުރަތަމަ ފަހަރަށް ނަފްރަތުގެ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ ހަނދާނީ ޖަލްސާ ބޭއްވުން

  • ސުލްހަ ގާއިމްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން އެއްބަސްވުން

  • ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ސަލާމަތީ މަޖިލީހުގެ އެދުމުގެ މަތިން، 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖެނެރަލް އެސެމްބްލީގެ ކުއްލި ޚާއްސަ ޖަލްސާއެއް ބޭއްވުން

މީގެ އިތުރުން ވެސް އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގެ ވަޒީފާތަކުގައި ޖިންސުގެ ހަމަހަމަކަން ގާއިމްކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"މިގޮތުން އަޅުގަނޑުގެ ސްޓާފުންގެ 55 އިންސައްތައަކީ އަންހެނުން ކަމުގައި ދަންނަވަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ޓީމަށް ކުޅަދާނަ މުވައްޒަފުންތަކެއް ދެއްވި ކަމަށްޓަކައި އޭނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ދައުރު ފެށިގެން ނިމެންދެން އަރިހުގައި ހުންނަވާ ކޮށްދެއްވި ޚިދުމަތަށް އެގްޒެކެޓިވް ސެކްރެޓަރީ އާހިދު އަޙްމަދަށް ޝުކުރު އަދާކުރެއްވިއެވެ.

"އަދި އަޅުގަނޑުގެ އެގްޒެކެޓިވް އެސިސްޓެންޓް ސަލްމާން ޒަކީ އަށްވެސް ޝުކުރު އަދާކުރަން. އަޅުގަނޑުގެ ކަލަންޑަރު ބައްލަވައި، އަޅުގަނޑުގެ ދުވަހުގެ މަސައްކަތަށް ނިމުމަކަށް ނާންނަވަރަށް މަސައްކަތް ތާވަލު ކޮށްދެއްވީ އެބޭފުޅާ،" ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު ޓީމް ޚާރިޖީ އަށް ދަންނަވާލަން އޮތީ ހަމަ އެންމެ ބަހެއް! "ކުރެވިއްޖެ."

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު އެއް އަހަރު ދުވަހުގެ ދައުރަކަށް އެ މަގާމަށް އިންތިޚާބުވި ޝާހިދުގެ ދައުރު ހަމަވީ މިއަދުއެވެ.

އެ މަގާމަށް ޝާހިދު އިންތިޚާބުވެވަޑައިގަތީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއީ ރަސޫލާއި ވާދަކުރައްވާ، 143 ވޯޓު، 48 ވޯޓުގެ ތަފާތަކުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މަޖިލީހެއްގެ އެހާ އިސްމަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.