ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން ގުޅިގެން ރާއްޖޭގެ މޫސުން ދިރާސާކޮށް، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ވާނެ ގޮތްތައް ދެނެގަތުމަށް ދިރާސާކުރާ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައްދަލުކުރައްވައިފިއެވެ.

"މޯލްޑިވްސް ނެކްޓަން މިޝަން"ގެ މަސައްކަތްތައް ކުރިއަށް ގެންދާ މަނަވަރު "އޮޑެސީ"އަށް ރައީސް ޒިޔާރާތްކުރެއްވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދާ ހަމައަށް ލ. އަތޮޅުގައި ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހުއެވެ.

މި ޒިޔާރާތުގައި ރައީސްގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ.

ކަނޑުގެ ދިރާސާކުރާ ޓީމާ ރައީސް ބައްދަލުކުރައްވަނީ --

ވޭތުވެދިޔަ ދެ ދުވަހު ކަނޑު އަޑީގައި ސާވޭކުރި ހަތަރު އެކުއަނޯޓުންގެ ސާވޭ ޑާޓާތައް އެ ޒިޔާރާތުގައި ރައީސް ވަނީ ބައްލަވާލައްވާފައެވެ. ނެކްޓަންގެ މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުން މިހާރު ދަނީ އެ ޑާޓާ އެނަލައިޒްކުރަމުން ކަމަށް ނެކްޓަންއިން ބުންޏެވެ.

މެރިން ރިސާޗް ޓީމާ ބައްދަލުކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ ކަނޑުތަކުގެ ހާލަތާއި ކަނޑުތަކަށް އަންނަ ބަދަލުތައް ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ.

"ތިބޭފުޅުން ހޯއްދަވާ މައުލޫމާތަކީ ވަރަށް ކްރިޓިކަލް މައުލޫމާތެއް. އެ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުން ވަރަށް މުހިންމު،" ޝައުނާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މި ސާވޭތަކުގައި އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތާއި ފެންނަ މަންޒަރުތަކުން ހާމަކޮށްދޭނީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކަމަށެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗު އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ އެ މިޝަންގައި 40 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި 16 ދިވެހީން ހިމެނޭ އިރު، ދިރާސާއަށް ކަނޑުއަޑިއަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން ހިމެނެއެވެ.

ކަނޑުގެ ދިރާސާކުރާ ޓީމާ ރައީސް ބައްދަލުކުރައްވަނީ --

އެ މިޝަންގައި ކަނޑުގެ ފުނަށް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ 'ސަބްމާސިބުލް' އުޅަނދަކުން އެންމެ ފުރަތަމަ ފީނި ޓީމުގައި ހިމެނޭ ދެ ދިވެހި އަންހެނުންނަކީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ ނައީމާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗް އެސިސްޓަންޓެއް ކަމުގައިވާ ފަރާހް އަމްޖަދެވެ. އެ ޑައިވްގައި އެ ދެ މީހުންނާއެކު ދެން ބައިވެރިވީ ސަބްމާސިބަލްގެ ޕައިލެޓް ކިމްލީ ޑޯއެވެ.

'އޮމޭގާ ސީމާސްޓާ 2'ގެ ނަން ދީފައިވާ ސަބްމާސިބުލްގައި އިއްޔެ ލ. އަތޮޅުގެ ކަނޑުއަޑިއަށް ފީނުމުގެ ކުރިން ޝާފިޔާ އާއި ފަރާހް ވަނީ އެ އުޅަނދު ތެރޭގައި ދިވެހި ދިދަ ވިހުރުވާލާފައެވެ.

އެއީ ދިވެހީން އެފަދަ ޑައިވެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި ދުނިޔެއިން ވެސް، ހުސް އަންހެނުން ހިމެނޭ ޓީމަކުން ކަނޑުގެ އެފަދަ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ކަނޑުތަކުގެ 30 މީޓަރަށް ވުރެ ފުން ސަރަހައްދުތަކާ ބެހޭ މައުލޫމާތު މަދުވެފައި، އެހާ ފުނުން ނަގާފައިވާ ފޮޓޯއެއްވެސް އަދި ނުހުރެއެވެ. އެހެންކަމުން މި ދިރާސާގައި ބައިވެރިވާ ސައިންސުވެރިންނަށް މުޅިން އާ ތަޖުރިބާތަކެއް ކުރެވޭނެއެވެ.

އެ މިޝަންގެ އެންމެ މުހިންމު ކަމަކީ ރާއްޖެ އޮންނަ، އިންޑިއާ ކަނޑުގެ އުތުރުގެ ސަރަހައްދުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1،000 މީޓަރު އަޑިއަށް ފީނައި، އެ ތަންތަން މެޕްކޮށް ޑޮކިއުމެންޓް ކުރުން ކަމަށް ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ލޫސީ ވުޑާލް ވަނީ ވިދާޅުވެފައެވެ.

އެ ދިރާސާއާ ބެހޭ ގޮތުން މީގެ ކުރިން ޝާފިޔާ ވިދާޅުވީ، މި ޑައިވްތަކުގެ ބޭނުމަކީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ ދިރުންތަކާ ބެހޭގޮތުން އާ މައުލޫމާތު ހޯދުން ކަމަށެވެ. އަދި ފަރާހް ވިދާޅުވެފައި ވަނީ، ދިރާސާގައި ބޭނުންކުރާ ސަބްމާސިބަލް ހަދާފައި ހުންނަނީ ބޭރު ފެންނަ ގޮތަށް ކަމަށާއި އެހެންކަމުން އެ އުޅަނދުގައި ތިބެގެން ކަނޑުގެ ދިރުންތައް އޮބްޒާވްކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ.